އައްޔުބެގެ މަރުގެ ދައުވާލިބޭ މީހަކު އެކަމަށް އިންކާރުކޮށް ވަކީލަކު ބޭނުން ނުވާ ކަމަށް ބުނެފި
އަނިޔާވެރި ގޮތަކަށް މަރާލާފައި ވަނިކޮށް ދ. ކުޑަހުވަދޫ ފަޅު ގެއެއްގެ ތެރެއިން ފެނުނު އެރަށު ސަމަންދަރު އަލީ ހަސަން(އައްޔުބޭ) ގެ މަރުގެ ދައުވާލިބޭ މީހަކު އެ ދައުވާއަށް އިންކާރުކުރި ނަމަވެސް ދިފާއީ ވަކީލަކު ބޭނުންނުވާ ކަމަށް ކޯޓުގައި މިއަދު ބުނެފި އެވެ. ޖެނުއަރީ، 2012 ގައި އައްޔުބޭ މަރާލާފައި އޮއްވާ ފެނުނު މައްސަލައިގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރާ ތިން މީހުންގެ ތެރެއިން މިއަދު ކުރިއަށް ގެންދިޔައީ އެރަށު ފަނަސް، ފައުޒާން މުހައްމަދު ގެ ޝަރީއަތެވެ. ފައުޒާންގެ ޝަރީއަތް ނުބާއްވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން ފައުޒާން ވަނީ އެ ދައުވާއަށް އިންކާރުކުރާ ކަމަށް ބުނެފަ އެވެ. ނަމަވެސް ވަކީލަކު އައްޔަން ކުރުމަށް އޭނާ ދެކޮޅު ހެދި އެވެ. އަމިއްލަ ޚަރަދުގައި ވަކީލަކު ހަމަޖައްސަން ބޭނުންނުވާ ނަމަ ދައުލަތުގެ ޚަރަދުގައި ވެސް ވަކީލަކު ހަމަޖައްސަން ބޭނުންވޭތޯ ގާޒީ ސުވާލު ކުރެއްވުމުން ވެސް ފައުޒާން ބުނީ ބޭނުންނުވާ ކަމަށެވެ. އަދި މައްސަލައިގެ އެއްވެސް ހިސާބަކުން ވަކީލަކު ބޭނުންނުވާ ކަމަށާއި މައްސަލަ ކުރިއަށް ގެންދާނީ އަމިއްލައަށް ކަމަށް، ތަކުރާތުކޮށް ގާޒީ ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ފައުޒާން ބުންޏެވެ. ފައުޒާން ވަނީ ދައުވާއަށް އިންކާރު ކުރުމުގެ އިތުރުން އޭނާގެ ދިފާއުގައި ދެ މީހެއްގެ ނަން ހުށަހަޅައިފަ އެވެ. ނަމަވެސް އެ މީހުންގެ ފުރިހަމަ ނަމާއި، އެޑްރެސް ނޭނގޭ ކަމަށް ފައުޒާން ބުންޏެވެ. އެހެންވެ އެ މީހުންގެ ފުރިހަމަ މައުލޫމާތު ލިޔުމުން ހުށަހަޅަން ގާޒީ ވަނީ ފައުޒާނަށް އަންގަވައިފަ އެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވެސް ވަނީ ފައުޒާނާ ދެކޮޅަށް ހެކި ހުށަހަޅައިފަ އެވެ. އެގޮތުން ހަތަރު މީހަކާއި ޑީއެންއޭ ރިޕޯޓެއްގެ އިތުރުން މަރު ސާބިތުކުރި ލިޔުމާއި ކްރައިމް ސީން އެގްޒެމިނޭޝަން ރިޕޯޓް ވެސް ދައުލަތުން ހުށަހެޅި އެވެ. އަދި އިތުރު ހެކިތަކެއް ހުރެއްޖެނަމަ އެ ތަކެތި ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ވެސް ދައުލަތުން އެދުނެވެ. ފައުޒާންގެ މައްޗަށް ކުރިން ދައުލަތުން އުފުލީ "ގަސްދުގައި މީހަކު މަރާލުމުގެ" ދައުވާ އެވެ. ނަމަވެސް އެ ދައުވާ މުރާޖާކުރުމަށް މިދިޔަ އަހަރު އަނބުރާ ގެންދިއުމަށްފަހު މިހާރު ދައުލަތުން އުފުލަނީ "މީހަކު މެރުމުގެ" ދައުވާ އެވެ. އެ ދައުވާ އިސްލާހުކޮށް ދައުލަތުން ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ނަމަވެސް އޭގެފަހުން ފުރަތަމަ އަޑުއެހުމެއް ބޭއްވީ މިއަދު އެވެ. އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ސަމީރު އަބްދުލްއަޒީޒް ވިދާޅުވީ އެ މައްސަލަ އަވަހަށް ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށާއި އެ މައްސަލަ އަވަސް ކޮށްދިނުމަށް ފައުޒާންގެ ފަރާތުން ވެސް ކޯޓަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. ގާޒީ ސަމީރު ވިދާޅުވީ މިދިޔަ އަހަރު އެ މައްސަލަ ކޯޓަށް އައިސްފައި އޮތް ނަމަވެސް އެ މައްސަލަ ކުރިއަށް ނުގެންދެވި އޮތީ އެ މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ ކޯޓަށް ވަޑައިގެން ނޫޅުއްވާތީ ކަމަށެވެ. ކުރިން އެ މައްސަލަ ބައްލަވަމުން ގެންދެވީ ގާޒީ އަބްދުލްބާރީ ޔޫސުފެވެ. ނަމަވެސް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ގާޒީ ބާރީ މިހާރު ހުންނެވީ ސަސްޕެންޝަންގަ އެވެ. އައްޔުބޭގެ މަރާ ގުޅިގެން ފައުޒާން ބަންދުގައި ހުންނަތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް މިހާރު ވަނީ ވެފަ އެވެ. އެ މައްސަލައާ ގުޅިގެން ފައުޒާންގެ އިތުރުން އެރަށު މާވެލި، އިބްރާހިމް ވަސީމާއި އެރަށު ރަނަކުރި، އިބްރާހިމް މާޖިދުގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. އޭގެ ތެރެއިން އައްޔުބެއަށް ދޮންކާފަ ކިޔާ ވަސީމް ވަނީ އައްޔުބެ މަރާލުމުގައި ބައިވެރިވި ކަމަށް ކޯޓުގައި އެއްބަސްވެފަ އެވެ. އޭނާގެ ޝަރީއަތުގެ އަޑުއެހުމެއް 2012 ގައި ބޭއްވި ފަހުން މިއަދާ ހަމައަށް ވެސް އިތުރު އަޑުއެހުމެއް ނުބާއްވަ އެވެ. އައްޔުބެ މަރާލުމުގެ ބައިވެރިވި ދެ ކުއްޖެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ މިދިޔަ އަހަރު ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ