ނަޝީދުގެ ހުކުމް ތަންފީޒުކުރުން މަޑުޖައްސައިލުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އަލްހާން އެދިވަޑައިގެންފި

ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އެދިވަޑައިގެން ސ. ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފި އެވެ. ނަޝީދު ދޫކޮށްލުމުގެ ވަގުތީ އަމުރަކަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން އެދިވަޑައިގަތީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ކޮށްފައި ވަނީ ބާތިލް ދައުވާއެއް ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގަ އެވެ. އަލްހާންގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނިގޮތުގައި އެ މައްސަލައިގައި ގާނޫނީ ގޮތުން ހުރި ކަންތައްތަކެއް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ނަޝީދާއި އަލްހާން. --ހަވީރު ފައިލް ފޮޓޯ އެގޮތުން އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިއުމުން، އޭނާ ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފައިވަނީ، އެމްއެންޑީއެފްގެ މައްޗަށްކަން ސާފުކޮށް އެނގޭ ކަމަށް އަލްހާން ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި އެ އަމުރާ ހިލާފަށް ތަހުގީގަކާ ނުލައި، ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވެސް އަލްހާން ވަނީ ފާހަގަ ކުރައްވައިފަ އެވެ. ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކުރި ހުކުމް ހައި ކޯޓުގައި އެމަނިކުފާނު ފަރާތްޕުޅު އިސްތިއުނާފެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ