ކިންޑަގާޓެންގައި ހޯދާ ކާމިޔާބީ ބިނާވަނީ ދޫފަރިތަކަމުގެ މައްޗަށް

ކިންޑަގާޓެންގައި ދަރިވަރުގެ ކާމިޔާބީ ބިނާވަނީ އުމުރުން ދެ އަހަރު ވާއިރު ދަރިވަރުގެ ބަސްކޮށާރާއި ދޫފަރިތަކަން ހުންނަ މިންވަރެއްގެ މައްޗަށް ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ. މީގެ ކުރީގެ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ކިންޑަގާޓެންގައި ރަނގަޅަށް މަސައްކަތްކުރާ ކުދިންނަކީ ތައުލީމާއި އިޖުތިމާއީ ކަންކަމުގައި ފަހުން ކާމިޔާބީ ހޯދާ ކުދިންނެވެ. އެހެންވެ ކިންޓަގާޑެންގައި ރަނގަޅު ކާމިޔާބީއެއް ހޯދައިދިނުމަށް ދަރިން ތައްޔާރުކުރުމުގެ މުހިންމުކަން މިކަމުން ވަނީ އެނގިފަ އެވެ. އެމެރިކާގައި 8600 ކުދިންގެ މައުލޫމާތު ހިމަނައިގެން ކުރި ދިރާސާ އިން އެނގުނު ގޮތުގައި އުމުރުން ދެ އަހަރު ވާއިރު ރަނގަޅަށް ވާހަކަ ދައްކައި، ގިނަ ބަސްތައް ބޭނުންކުރަން އެނގޭ ނަމަ ކިންޑަގާޓެންގައި އެ ކުއްޖަކު ތައުލީމީ ގޮތުން ހޯދާ ކާމިޔާބީ ރަނގަޅެވެ. އަދި އަހުލާގީ މައްސަލަތައް ވެސް މަދެވެ. މި ދިރާސާ އިން ވަނީ އެހެން ކަމެއް ވެސް ހާމަވެފަ އެވެ. އެއީ ބަސްކޮށާރު މުއްސަނދި ވުމާއި ދޫފަރިތަކަން އެންމެ ބޮޑަށް ހުންނަނީ މުއްސަނދި އަދި ދަރިން ބެލުމުގައި ސަމާލުކަން ދޭ އާއިލާތަކަށް ނިސްބަތްވާ ކުދިންގެ ކިބައިގައި ކަމެވެ. ހަމަ އެގޮތަށް، ކުއްޖާގެ މަންމަ އަކީ ބަލި މީހެއް ނަމަ އަދި ބަސް މަދު މީހެއް ނަމަ ދަރިފުޅުގެ ވާހަކަ ދެއްކުމުގެ ހުނަރު ވެސް ދަށްވެގެންދާކަން ހާމަވެފައިވާ ކަމަށް ޗައިލްޑް ޑިވެލޮޕްމަންޓް ޖާނަލްގައި ހޯމަ ދުވަހު ޝާއިއުކުރި ދިރާސާގައި ބުނެފައިވެ އެވެ. "މި ދިރާސާ އިން ހެކި ލިބެނީ ކުއްޖާ ބޮޑުވަމުން އަންނައިރު އެ ކުއްޖާއާ ވާހަކަ ދައްކައި، ބަހުގެ ހުނަރު ދަސްކޮށްދިނުމަކީ ކުއްޖާ އަށް ވަރަށް ގިނަ ގޮތްގޮތުން ފައިދާކުރާނެ ކަމެއްކަން،" ދިރާސާގައި އިސްކޮށް ހުންނެވި، ޕެންސިލްވޭނިއާ ސްޓޭޓް ޔުނިވަސިޓީގެ އެސޯސިއޭޓް ޕްރޮފެސަ ޕޯލް މޯގަން ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވެފައި ވަނީ ކުދިންނާ މުއާމަލާތުކުރުން މަދު ނަމަ ވާހަކަ ދެއްކުމާއި މުއާމަލާތު ކުރުމުގެ ހުނަރު ކުދިންގެ ކިބައިގައި ދަށްވެގެންދާ ކަމަށް މީގެ ކުރިން ބުނެފައިވާ ދިރާސާތަކަށް ވެސް އާ ދިރާސާ އިން ބާރު ލިބޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ