ސުޕްރީމް ކޯޓުގެ ނިންމުންތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އެކޯޓުން އަންގައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ބާރު ހިނގާ ސަރަހައްދުގެ ތެރޭގައި ހިމެނޭ އެންމެހައި ފަރާތަކަށް އެކޯޓުން އަންގައިފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޤާނޫނުއަސާސީގެ ސިޔާދަތުގެ އުޞޫލާއި ޤާނޫނުގެ ވެރިކަންނެގެހެއްޓުމުގެ ދުސްތޫރީ ތަރަހައިގެ މައްޗަށް ބިނާކުރެވިގެންވާ ދައުލަތަކަށްވާއިރު، ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤައިމުކުރުމުގެ ޒިންމާ އާއި މަސްއޫލިއްޔަތު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤަނޫނުއަސާސީގެ 7 ވަނަ މާއްދާ އާއި 141 ވަނަ މާއްދާގެ (ހ) އިން ލިބިދީފައިވަނީ ދިވެހިރާއްޖޭގައި ޤާއިމުކުރެވިފައިވާ ކޯޓުތަކަށް ކަން އެނގެން އޮތް ކަމަށެވެ.
ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ކަމަށް އެމާއްދާގެ (ށ) ގައި ކަނޑައަޅާ ބަޔާން ކުރުމަށްފަހު ޤާނޫނުއަސާސީ އާއި ޤާނޫނު މާނަކުރުމުގައި އަދި ޝަރީޢަތުން ބަލާ އެންމެހާ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމަށް ޤާނޫނުއަސާސިގެ 145 ވަނަ މާއްދާގެ (ނ) ގައި އޮޅުން ނާރާފަދަ ސާފުގޮތަކަށް ކަނޑައަޅާ ބަޔާންކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
މީގެއިތުރުން ވެރިކަން ހިންގާ ފަރާތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުންނާއި މުސްތަޤިއްލު ކޮމިޝަންތަކުންނާއި މުސްތަޤިއްލު މަޤާމުތަކުގައި ތިބި މީހުންނާއި ދައުލަތުގެ މުއައްސަސާތަކުންނާއި ދައުލަތުގެ މަޤާމުތަކާ ޙަވާލުވެ ތިބި މީހުންނާއި އެންމެހައި ރައްޔިތުން ޤާނޫނުއަސާސީގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމައަށް ކިޔަމަންވެ ޢަމަލުކުރާންވާނެކަމަށް ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގެ (ހ) އިން ބަޔާންވެ އެނގެންއޮތް ކަމަށެވެ.
އެބަޔާނުގައި ވަނީ މައްސަލައެއްގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ވެރިކަން ހިންގާފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުންނާއި، މުސްތަޤިއްލު މަޤާމުތަކުގައި ތިބި މީހުންނާއި، ދައުލަތުގެ މުއައްސަސާތަކުންނާއި، ދައުލަތުގެ މަޤާމުތަކާ ޙަވާލުވެ ތިބި މީހުންނާއި، ސިފައިންނާއި، ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސާލާމަތީ ޚިދުމަތްތަކުންނާއި، އެންމެހައި ރައްޔިތުން އެ މައްޗަށް ތަބާވުން ލާޒިމު ނިންމުންތަކެއްކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު 20 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންގެ އެންމެހައި ޙުކުމްތަކާއި އަމުރުތަކާއި ނިންމުންތަކަކީ އެއިން ދޭހަވާ ޤާނޫނީ އެންމެހައި ނަތީޖާތަކާއެކު، އިތުރު ބަޙުޘަކާނުލައި، އިތުރު މާނަކުރުމަކާނުލައި އަދި ބަދަލެއްގެނައުމަކާވެސް ނުލައި އެ މައްޗަށް ޢަމަލުކުރުން ޤާނޫނީގޮތުން ލާޒިމުވާ އެންމެ ފަހުގެ ނިންމުންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤަނޫނުއަސާސީގެ ޞަރީޙަ ނައްސުތަކުން ސާފުކޮށް އެނގެން އޮނނަ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
"ސުޕްރީމް ކޯޓުގެ ނިންމުންތަކާ އެއްގޮތަށް އެންމެހައި ކަންތައްތަށް ކުރުމަށާއި އަދި ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަން ކަށަވަރު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ބާރު ހިނގާ ސަރަހައްދުގެ ތެރޭގައި ހިމެނޭ އެންމެހައި ފަރާތަކަށް އެންގީމެވެ. " ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ