ޣައިރު ޤާނޫނީ އަމުރުތަކަށް ކިޔަމަން ނުވާ ފުލުހުން އެބަތިބި - އެމްޑީޕީ

ސަރުކާރުން ކުރަމުންދާ ޣައިރު ޤާނޫނީ އަމުރުތަކަށް ކިޔަމަން ނުވާ ގިނަ އަދަދެއްގެ ޤައުމީ ފުލުހުން މި ޤައުމުގައި ތިބިކަމަށް އެމްޑީޕީން ބުނެފި އެވެ.
އެސްއޯ ފުލުހުންގެ ތެރޭގައި ހިމެނޭ ބަޔަކުގެ ސަބަބުން ފުލުހުންގެ މުއައްސަސާގެ ނަން ކިލަނބު ވަމުންދާ ކަމަށް ބުނެ އެކާމާއި ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޤައުމީ ފުލުހުން ދައްކަމުންދާ ހިތްވަރަށް އައްސަރި ބަހާއި ސާބަސް ރައްދުކުރާ ކަމަށާއި ޤައުމީ ފުލުހުންގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް އެމްޑީޕީން ކުޑަނަމަވެސް ދެރައެއް ނުދޭނޭކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
އެބަޔާނުގައި ވަނީ އެސްއޯ ފުލުހުންގެ ތެރޭގައި ހިމެނޭ ބަޔެއްގެ އަމަލުތައް ހުންނަ ގޮތުން މުޅި މި މުއައްސަސާގެ އެންމެނަށް މިކަމުގެ ހަޑިނަން ނިސްބަތްވެ، ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓި، ފުލުހުންނަށާއި ފުލުހުންގެ ޔުނީފޯރމަށް ރައްޔިތުން ކުރަމުން ގެންދިޔަ އިޚްތިރާމް އެއްދުވަހުން އަނެއް ދުވަހަށް ކުޑަވަމުންދާ ކަމަށެވެ.
އެސްއޯ ފުލުހުން ތެރެއިން ބަޔަކު “ޖަޒްބާތުގައި” ޖެހިގެން، ޢާންމު ރައްޔިތުންނަށް ކުރާ އިންސާނިއްޔަތާއި ޚިލާފް، އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން ފުލުހުންގެ މީހަކު ފެންނަ ކޮންމެ ފަހަރަކު އެމީހަކަށް މަލާމާތްކޮށް ފުރައްސާރަ ކުރާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
"އެމްޑީޕީއަކީ އަބަދުވެސް ސުލްޙަވެރިކަމަށް ގޮވާލާ އަދި ސުލްޙަވެރިކަމާއި، އަމަންއަމާންކަމަށް ލޯބިކުރާ ޕާޓީއެކެވެ. އެގޮތުން އެމްޑީޕީން އިންތިޒާމްކޮށްގެން ރައީސް ނަޝީދުގެ ހިމާޔަތަށް އެދި މިހާރު ކުރިއަށް ގެންދާ މުޒާހަރާތަކަކީ ވެސް ސުލްޙަވެރި އަދި އަމާންކަމާއި އެކީ ކުރަމުންގެންދާ މުޒާހަރާތަކެކެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާތައް ރޫޅާލުމަށް ބަހަނާއެއް ދެއްކުމުގެ ގޮތުން، އެސްއޯ ފުލުހުންގެ ބަޔަކު އަޑީގައި ތިބެގެން ދަނީ އެކިއެކި ހަރާކާތްތައް ރާވަމުންދާ ކަމަށާއި އެގޮތުން އެމްޑީޕީގެ ސުލްޙަވެރި ހިނގާލުންތަކާއި، އެއްވުންތަކުގެ ތެރެއަށް އެކިއެކި ފަރާތްތައް ފޮނުވާ، ހަމަނުޖެހުން ހިންގަން އުޅޭކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ