މޫސުން އިތުރަށް ގޯސްވެ، ދެކުނުގެ އިތުރު ސަރަޙައްދަކަށް ރީނދޫ ސަމާލު

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ހިސާބުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ، ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން މި ސަމާލު ނެރެފައި ވަނީ ލ. އަތޮޅުން ފެށިގެން ފުވައްމުލައް ސިޓީ އާއި ހަމައަށެވެ. މި ސަމާލު ނެރެފައި ވަނީ މީގެ ކުރިން މިރޭ 2:00 އިން ފެށިގެން ހެނދުނު 6:00 އާއި ހަމައަށް ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށް ހުދު ސަމާލު ނެރެފައި ވަނިކޮށެވެ.
ދެކުނުގެ ބޮޑު ސަރަޙައްދަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިރޭ 3:30 އިން ފެށިގެން ހެނދުނު 7:00 އާއި ހަމައަށެވެ. މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މި ސަމާލު ނެރެފައިވާ ވަގުތުގައި، ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ރާއްޖޭގެ މޫސުން ކުރިޔަށް ލަފާކުރާގޮތް ހާމަކޮށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
"ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވޭ." މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވިއެވެ.
އެ އިދާރާއިން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ކުރިޔަށް އޮތް ވަގުތުތަކުގައި ކަނޑުގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވިފައިވާތީ، އާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާއިން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ