އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ވިޕްލައިން އެކުލަވާލައިފައި ވަނީ ވަރަށް ޚުދުމުޚުތާރުކޮށް: މެމްބަރު އިބްރާހީމް ރަޝީދު

ޤާނޫނޫ އަސާސީ އިޞްލާޙުކުރުމުގެ ބިލާ ގުޅޭ ގޮތުން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުގެ ވިޕްލައިން އެކުލަވާލައިފައި ވަނީ ވަރަށް ޚުދުމުޚުތާރުކޮށް ކަމަށް މާފަންނު މެދުދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.
ޤާނޫނު އަސާސީ އިޞްލާޙު ކުރުމުގެ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެމްޑީޕީ ވިޕްލައިން އެކުލަވާލައިފައި ވަނީ އެ ބިލަށް ކޮމެޓީ މަރުޙަލާގައިވެސް އެއްވެސް އިޞްލާހެއް ނުގެނެވޭނެ ގޮތަށް ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ޕާލަމަންޓްރީ ގަރޫޕުގެ އެ  ނިންމުމަކީ ވަރަށް ޚުދުމުޚްތާރު ނިންމުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.  
"ޕާލަމަންޓްރީ ޕޮރޮސެސް ތެރެއިން މިބިލް ކުރިއަށް ގެންދާނެ ގޮތެއް ކަނޑައެޅި އިރުގައި މިއޮންނަނީ މަޖިލީހުން ކޮމެޓީއަށް ފޮނުވައި ކޮމެޓީން އެއްވެސް އަކުރަކަށް ފިއްޔަކަށް ބަދަލެއް ނުގެނެސް އަނެއްކާ މަޖިލީހަށް ގެނެސް ފާސްކޮށްފައި ފޮނުވާލާށޭ. މިއީ ރައީސުލް ޖުމްހޫރިއްޔާއާއި އެމްޑީޕީ ބަދުނާމްކުރުމަށް ކޮށްފައި އޮތް ކަމެއް." މެމްބަރު އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރu އިމްތުޔާޒު ފަހުމީ ވެސް ހިތްޕުޅު ހަމަޖެހިވަޑައި ނުގެން ވާހަކަ ދެއްކެވީ އެނިންމުމާ ގުޅިގެންކަމަށް މެމްބަރު އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. އެހެން ކަމުން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގައި ކުރެވޭ ބަހުސްތަކާއި ނިންމާ ނިންމުންތަކަށް މީޑިއާ ތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވައި ފާރަވެރިވުމަށް އޭނާ ގޮވާލެއްވިއެވެ.
އެމްޑީޕީ ޕާލަމަންޓްރޫ ގްރޫޕުގައި ވަރަށް ނޭއްގާނީ ވަރަށް ޚުދުމުޚްތާރު ކަންކަން ނިންމާކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ބިލަކަށް ކޮމެޓީއަކަށް ގެންގޮސްވެސް އުނި އިތުރު ނުގެންނަން ވިޕްލައިނެއް ނެރެފައި އެގޮތަށް ކަންކުރަން ބުނުމަކީ ވަރަށް ޚުދު މުޚްތާރު ގޮތެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މެމްބަރު އިބްރާހީމް ރަޝީދު ވިދާޅުވީ އޭނާ މަޖިލީހުގައި ކުރައްވާ މަސައްކަތަށް މަޖިލީހުގެ ރައީސް ވެސް އަދި ރައީސުލް ޖުމްހޫރިއްޔާ ވެސް ދުވަހަކުވެސް ނުފޫޒު ފޯރުވައިފައި ނުވާކަމަށެވެ. ނަމަވެސް ޕާލަމަންޓްރީ ގްރޫޕުގެ މެންބަރުން ނުފޫޒު ފޯރުވާކަމަށެވެ. ދާންދޫން ދާއިރާގެ މެމްބަރު ޔަޢުޤޫބް ޢަބްދުﷲ ހުށަހަޅުއްވައި އައްޑޫމީދު ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް ތާއީދު ކުރެއްވި ހުށަހެޅުމަކީ ދުވަހަކުވެސް އެމްޑީޕީ ޕާލަމަންޓްރީ ގަރޫޕުން ނުކުރާފަދަ ނުބައި ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.
ޤާނޫނު އަސާސީ އަކީ ރައްޔިތުންގެ ކޮންޓްރެކްޓެއް ކަމަށް ފާހަގަ ކުރައްވައި އެ ޤާނޫނު އަސާސީގެ ބެލެނިވެރިޔާ ހައްޔަރު ކޮށް ގޭގައި ބަހައްޓައިފައި މަޖިލީހުގައި ޤާނޫނު އަސާސީ އިޞްލާހު ކުރުމަކީ ކޮށްގެން ވާނެކަމެއް ނޫންކަމަށް މެމްބަރު އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. ޤާނޫނު އަސާސިއަށް އިޞްލާހު ގެނައުމުގެ ބިލް މުޅި މަޖިލީހުގެ ކޮމެޓީއަކަށް ފޮނުވައިގެން މަޝަވަރާ ކުރަން އޭނާ ހުށަހެޅުއްވިއެވެ.
މިރޭގެ ބަހުސް ގައި ވާހަކަ  ދައްކަވަމުން އެމްޑިޕީގެ ޕީޖީ ލީޑަރ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް ވިދާޅުވީ އެމްޑީޕީއަކީ ދިރިހުރި ޕާޓީއެއް ކަމަށެވެ. އެހެން ކަމުން ޚިޔާލު ތަފާތުވުން ހުންނާނެކަމަށެވެ.
"ޚިޔާލު ތަފާތުވުމަކީ މައްސައްލައެއް ނޫން އެއީ ފިތުނަވެރިކަމެއްވެސް ނޫން ޙަޞަދަވެރިކަމެއް ވެސް ނޫން، އެއީ ހެލްދީ ކަމެއް.  ކުރިއަށް ބަޔަކު ދިއުމަށް ޓަކައި އޮންނަން ޖެހޭ ގޮތް" ކަމަށް ދެކެވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ