ވޯޓްލާ ދުވަހަކީ ބަންދު ދުވަހަކަށް ހެދުމަށް ސުޕްރީމް ކޯޓަށް ހުށައަޅައިފި

ރިޔާސީ އިންތިޚާބު ބާއްވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްކަމުގައި ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނީ ކުރީގެ ބަަންޑާރަ ނާއިބް އަލްއުސްތާޒު ހުސްނުއްސުއޫދެވެ.
ސުއޫދު ސުޕްރީމް ކޯޓަށް ހުށައަޅުއްވާފައިވާ މައްސަލާގައި ބުނެފައިވަނީ މީގެ ކުރިން ރާއްޖޭގައި ބޭއްވިފައިވާ އެންމެހާ އިންތިޚާބުތަކާއި ޚިލާފަށް މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ނުވުމުގެ ސަބަބުން، އެ ދުވަހު ވޯޓްލުމުގައި ދިވެހި ރައްޔިތުންނަށް ދިމާވާނެ އުނދަގޫތަކާއި ތަކުލީފްތަކާއި ތުރާ ފިލުވުމުގެ ގޮތުން އެދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދޭކަމަށެވެ.
މީގެ އިތުރަށްވެސް ސުއޫދު ވަނީ ރިޔާސީ އިންތިޚާބު ބާއްވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްކަމުގައި ކަނޑައަޅައިދިނުމަށް އެދި ހުށައަޅާ ވަރަށް ގިނަ ސަބަބުތައް ލިޔުމުން ހުށައަޅުއްވާފައެވެ.
މީގެ ކުރިން ރާއްޖޭގައި ބޭއްވުނު ގިނަ އިންތިޚާބުތަކުގައި ވޯޓް ނެގުން ކުރިއަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހުއެވެ. ޚާއްސަކޮށް ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި، ކައުންސިލް އިންތިޚާބު އަދި އެ އިންތިޚާބުތަކާއި ގުޅުންހުރި ހުރިހާ ބައި އިލެކްޝަންތަކުގެ ވޯޓް ނެގުންވެސް ކުރިއަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހުއެވެ. އެގޮތަށް ކުރިއަށް ގެންދަނީ ރަސްމީ ބަންދު ދުވަހެއްގައި އިންތިޚާބުގެ ވޯޓް ނެގުން ކުރިއަށްގެންދާތީ، ވީހާވެސް ގިނަ ބަޔަކަށް ވޯޓްގައި ބައިވެރިވެވޭނެކަމަށް ބަލައިގެންނެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓްލުން 23 ސެޕްޓެމްބަރު 2018ވާ އާދީއްތަ ދުވަހު ކުރިއަށް ގެންދާގޮތަށް ހަމަޖައްސާފައިވާއިރު، ރަސްމީ ދުވަހެއްގައި އިންތިޚާބު ބޭއްވުމަށް ހަމަޖެއްސި ސަބަބެއް އިލެކްޝަންސް ކޮމިޝަނުން ބުނެފައެއްނުވެއެވެ. ނަމަވެސް އެ ކޮމިޝަނުން ވަނީ އެދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް ކަމާއި ބެހޭ މުއައްސަސާތަކާއި އެކު މަޝްވަރާ ކުރަމުންގެންދާ ކަމަށެވެ.
ބައެއް ސިޔާސީ ބޭފުޅުން ވިދާޅުވީ ޒަމާނުއްސުރެ ހަފްތާ ބަންދުގައި ބާއްވަމުންއައި ރިޔާސީ އިންތިޚާބުގެ ވޯޓްލާ ދުވަސް މިފަހަރު އާދިއްތަ ދުވަހަށް ބަދަލުކުރީ ވޯޓްލާން ނިކުންނަ މީހުންގެ އަދަދު މަދުކުރުމުގެ ވިސްނުމުގައިކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި، ކޮމިޝަންގެ މިނިވަންކަމާއި މުސްތަގިއްލުކަމާއިމެދު ސިޔާސީ ޕާޓީތަކާއި، އާންމުންގެ ގިނަ ބަޔަކު ސުވާލު އުފައްދަމުން ގެންދާއިރު، އިންތިޚާބާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނިންމާ ގިނަ ނިންމުންތަކާއިމެދުވެސް ސިޔާސީ ޕާޓީތަކާއި އާންމުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ