ރައީސް ޔާމީން ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ބޭނުންފުޅެއް ނުވޭ: އިމްރާން

ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ބޭނުންފުޅު ނުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ ސަންގް ޓީވީގެ ޕްރޮގްރާމްގައި މިރޭ ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އިމްރާން ވިދާޅުވީ ރައީސް ޔާމީނާ ބައްދަލުކުރުމަށް ޖަލަށް ވަޑައިގަތީ، އެމަނިކުފާނުގެ ބޭސްފަރުވާއާ ގުޅިގެން ޑޮކްޓަރު ދީފައި އޮތް ލިޔުމަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ކަމަށެވެ. ޖަލަށް ވަޑައިގަތީ ހޯމް މިނިސްޓަރެއްގެ ހައިސިއްޔަތުން ކަމަށް އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ރާއްޖޭން ބޭރަށް ބޭސްފަރުވާ ކުރަން ދިއުމަށް ރައީސް ޔާމީނަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި ނަމަވެސް މިވަގުތު ރައީސް ޔާމީން ބޭސްފަރުވާއަށް ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅުވެވަޑައި ނުގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން ދޭތެރެއަކުން އެބަ އެވާހަކަ ދައްކަން. ރައީސް ޔާމީނާއި ރައީސް ޔާމީންގެ އާއިލާއިން ބޭސްފަރުވާކުރަން ވަޑައިގަންނަވަން ވީމަ އެކަމަށްޓަކައި ފަހިކޮށްދޭން ޖެހޭ ހުރިހާ ފުރުސަތުތަކެއް އަޅުގަނޑުމެން ފަހިކޮށްދޭނަން،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
އިމްރާން އިތުރަށް ވިދާޅުވީ ރައީސް ޔާމީނަށް ކިރިޔާވެސް ކޮށްދެވެން އޮތް ސަރުކާރުން ކޮށްދޭނެ ކަމަށާއި އެގޮތުން ކޮވިޑްގެ ދުވަސް ވަރުވެސް އެމަނިކުފާނަށް އެކްސަސައިޒް ކުރުމާއި ޑޮކްޓަރަށް ދެއްކުމާއި ވެވެން އޮތް އެންމެ ފަސޭހައެއްކޮށް ކޮށްދެމުން ދާ ކަމަށެވެ.
"އަނެއްކޮޅުން އެއްވެސް ކަހަލަ މައްސަލައެއް އޮތްތޯ އަޅުގަނޑު ކޮންމެ ދުވަހަކުހެން އަޕްޑޭޓް ނަގަމުން ގެންދަން،" އިމްރާން ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ލޯންޑަ ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެވެ.
ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުގައި ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓި ދުވަސްވަރުގައި ނަފުސާނީ މައްސަލަތަކާއި ހިތުގެ މައްސަލައެއް އެމަނިކުފާނަށް ކުރިމަތިވި ކަމަށެވެ.އޭރު ބަންދުން ދޫވުމުން އައިޖީއެމްއެޗްގެ ހިތުގެ ސެންޓަރަށް ދެއްކެވި ކަމަށާއި އެ ތަނުގެ އެންމެ އިސް ޑޮކްޓަރުން ލަފާ ދެއްވަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ ހިތުގެ އެ ބައްޔަށް ދޭނެ ފަރުވާއެއް ރާއްޖޭގައި ނެތް ކަމަށާއި އެ ޓެސްޓްތައް ވެސް ހެދެން ނެތް ކަމަށެވެ.އޭގެ އިތުރުން އެމަނިކުފާނުގެ މައިބަދައިގެ ކަށިގަނޑެއް ގުޑާފައިވާ ކަމަށާއި އެ އޮޕަރޭޝަން ވެސް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އެ އޮޕަރޭޝަން ކުރައްވަން ވެސް ބޭނުންފުޅު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.އަދި އެ ނުވަ މަސް ތެރޭ ރާއްޖެއިން ބޭރަށް ވަޑައި ނުގެންނެވީ ކޯޓުގެ ހުއްދައާއެކު ވަޑައިގެންނެވި ނަމަވެސް ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނު ފިއްލެވީ ކަމަށް ދެކޭނެތީ އެ ފުރުސަތު ނުދެއްވުމަށް ކަމަށް ކޯޓުގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. އަދި ދެން ވެސް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅު ވަނީ ކޯޓުން ހުއްދަ ދިނުމުން ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ