ގޮޑި ގެއްލޭ ހުކުމާއިއެކު، ސުޕްރީމް ކޯޓުގެ އިންޒާރެއް!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެނަމަ އަދި ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭގޮތަށް ސްޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން ނިންމީ 3 ފަނޑިޔާރުންގެ ބެންޗަކުންކަމަށްވާތީ އެއީ ގާނޫނާއި ޚިލާފުކަމެއްކަމަށް ވާހަކަދެކެވެމުންދާތީ އެ ނިންމުމަކީ ހަމަޖެހިފައިވާ އުސޫލްތަކުގެ ތެރެއިން ނިންމާފައިވާ ނިންމުމެއްކަމަށާ އެހެންކަމުން ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ސުޕްރީމް ކޯޓުން ދީފިއެވެ.
ސުޕްރީމް ކޯޓުން މިފަދަ އިންޒާރެއް ދީފައިވަނީ އެ ކޯޓުން މިރޭ ނެރުނު އަމުރެއްގައެވެ.
ސުޕްރީމް ކޯޓްގެ އަމުރުގައި ބުނެފައިވަނީ އެ ކޯޓުން ބަލާ ދުސްތޫރީ މައްސަލަތައް ބަލައި ނިންމަންވާނީ އެ ކޯޓްގެ 5 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ މަޖިލީހަކުންކަމަށް ބަޔާންކޮށްފައިވަނީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަަދަދަކީ 7 ކަމަށް ގާނޫންގައި ބަޔާންކޮޮށްފައި އޮތުމުޖން ފަނޑިޔާރުންގެ އަގުލަބިއްޔަތު ހިމެނޭ އޮނަހިރު އަދަދަކުން ދުސްތޫރީ މައްސަލަތައް ބެލުމަށްކަމަށެވެ.
ނަމަވެސް ދިވެހިރާއްޖޭގެ ކޯޓްތަކުގެ ގާނޫނަަށް ގެނެވުނު ފުރަތަމަ އިސްލާހުގެ ދަށުން މިހާރު ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދަކީ ފަހެއްކަމަށްވުމުން ދުސްތޫރީ މައްސަލައެއް ބެލުމުގައި މިހާރު ސުޕްރީމް ކޯޓްގެ ފަނޑިޔާރުގެ އަގުލަބިއްޔަތު ހިމެނޭ އޮނަހިރި އަދަދަކީ 3 ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރަށް ޕްރީމް ކޯޓްގެ ފަނޑިޔާރުގެ މަޖިލީހުން ފާސްކޮށް އާންމުކޮށްފައިވާ "ސުޕްރީމް ކޯޓަށް ހުށައެޅޭ މައްސަލަތައް ބަލާނެ ފަނޑިޔާރުންގެ މަޖިލީސް އެކުލަވާލުމާއި، އެ މަޖިލިސްތަކުގެ ރިޔާސަތު ބަލަހައްޓާ ފަނޑިޔާރު ކަނޑައެޅުމާއިބެހޭ އުސޫލުގައި ކަނޑައަޅާފައިވުމުން ގޮޑި ގެއްލޭ މައްސަލަ ބަލާފައިވާނީ އުސޫލުތަކުގެ ތެރެއިން 3 ފަނޑިޔާރުންެ މަޖިލީހަކުން އެ މައްސަލަ ބެލުމަށް ނިންމުމަށްފަހުކަމަށް ވަނީ ބުނެފައެވެ.
ސުޕްެރީމް ކޯޓްގެ އަމުރުގައި ބުނެފައިވަނީ ރާއްޖޭގައި އިންސާފު ގާއިމްކުރުމަކީ ކޯޓްތަކުގެ ދުސްތޫރީ މަސްއޫލިއްޔަތެއްކަމަށާއި އަމިއްލަ ފަރުދަކުވިޔަސް ދައުލަތުގެ ކަމެއް ހންގުމާއި ހަވާލުވެހުރި މީހަކުވިޔަސް ފަނޑިޔާރުންގެ މަސައްކަތާއިބެހި ނުފޫޒުފޯރުވައި ހަދައިގެން ނުވާނެކަމަށް ސާފު ބަހުން ބުނެފައިވާކަމަށެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ކޯޓްތަކާއި ކޯޓްތަކުން ބަލަމުިންދާ މައްސަލަތަކާއި ގުޅިގެން ހިނގާ ކަންކަމުގައި ގާނޫންތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރޭގައި ހުރިހައި އެންމެންވެސް އަމަލުތަކާއި ބަސްމަގު ބެހެެއްޓުމަށާއި، ގާނޫން އަސާސީއާއި ޚިލާފަށް ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ އެންމެހާ އަމަލުތަކުން އެއްކިބާވެ ތިބުމަށް ތަކުރާރުކޮށް އަންގާކަމަށް ސުޕްރީމް ކޯޓްގެ އަމުރުގައިވެއެވެ.
އަދި ޝަރީއަތަށް ނުފޫޒު ފޯރުވޭގޮތަށް އަދި ކޯޓްތަކުން ނިންމާ ނިންމުންތައް އޮޅުވާލެވޭގޮތަށް ނުވަތަ އެފަދަ ނިޔަތެއްގައި ޝަރީއަތާއި ގުޅޭކަންކަމުގައި ބަޔާންދިނުމާއި، މީޑިއާގެ ވަސީލަތްތަކުގައި ޝާއިއުކުރެވޭކަން ފާހަގަކުރެވިފައިވާތީ، އެފަދަ ކަންކަމަކީ މަނާކަމެއް ކަމަށްވާތީ އެފަދަ އެއްވެސްކަމެއް ނުކުރުމާއި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި ދެކޮޅަށް ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާއި ބެހޭ ގަވާއިދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެއްވެސް އިސްތިސްނާއެއްނެތި އަޅަމުން ގެންދާނެކަމަށް ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެނަމަ އަދި ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭގޮތަށް ސްޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން ނިންމީ 3 ފަނޑިޔާރުންގެ ބެންޗަކުންކަމަށްވާތީ އެއީ ގާނޫނާއި ޚިލާފުކަމެއްކަމަށް ބައެއް ގާނޫނީ ވަކީލުން ގެންދަަވަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ