ހާލަތާ ގުޅޭ ގޮތުން ރ. އަތޮޅުގެ ތައުލީމީ ދާއިރާގެ ތަޖުރިބާކާރުންގެ ވެބިނާއެއް

ކޮވިޑް-19 ގެ މި ހާލަތުގައި ވިސްނުން ގެންގުޅެންވީ ގޮތުގެ މުހިއްމު ކަމަށް، ރ. އަތޮޅުގެ ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން ރޭ ވެބިނާއެއް ބާއްވައިފި އެވެ.
"ފުރަބަންދުގެ ފުރުސަތު" ގެ ނަމުގައި ކުރިއަށް ގެންދިޔަ ވެބިނާގައި، ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން އަދި އާއްމުންނަށް ހާއްސަ ކޮށްގެން މައުލޫމާތުތައް ދިނެވެ.
އެކަމުގައި އިސްކޮށް އުޅުއްވި އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލް އިސްމާއިލް ނަސީރު ވިދާޅުވީ، ގާތްގަނޑަކަށް ދޮޅު ގަޑިއިރަށް ގެންދިޔަ ހަރަކާތަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު ކަމަށެވެ. ކޮވިޑް-19 ގެ މި ހާލަތު ދެމިގެން ހިނގައްޖެ ނަމަ ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ވެބިނާތައް ގެންދާނެ ކަމަށް ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވީ އެފަދަ ހަރަކާތެއްގެ ބޭނުމަކީ، އެހެން ދާއިރާތަކުގައި ވެސް މަސައްކަތް ކުރާ މީހުންގެ ފަރާތުން، ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންނަށް މައުލޫމާތުތައް ގެނެސްދިނުމަށެވެ.
"މިނިސްޓްރީ ނޫނަސް ތަފާތު ދިމާލުން ގެނެސްދޭން ޖެހޭ ވާހަކަތައް. ކޮންމެ ބްރީފިންއަކީ އެޑިއުކޭޝަނުން ގެނެސްދޭ އެއްޗެއްގެ ބަދަލުގައި، އެހެން ދިމާލުން ވެސް މައުލޫމާތުތައް ފޯރުކޮށްދޭން،" ތައުލީމީ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ މުއްދަތަކަށް މަސައްކަތް ކުރައްވާފައިވާ އިސްމާއިލް ވިދާޅުވި އެވެ.
ޓީޗަރުންނަށް ހާއްސަކުރި ބައިގައި، ފަލްސަފާތައް އައިސްފައި ހުރި ގޮތް ކިޔައިދިނުމާއި ކިޔަވައިދިނުން ބައްޓަން ކުރަން މި ފުރުސަތުގެ ބޭނުން ހިފުމާ ގުޅޭގޮތުން މައުލޫމާތު ދިނެވެ. އެ ބައި ގެންދެވީ، އުނގޫފާރު ސްކޫލުގެ ޕްރިންސިޕަލް އަހުމަދު މުޖުތަބާ އެވެ. އޭގެ އިތުރުން ބެލެނިވެރިންގެ ދައުރާއި ދަރިވަރުންނަށް މާލީ އިގުތިސޯދު ދަސްކޮށްދިނުން ފަދަ، މި ހާލަތާ ގުޅޭ މުހިއްމު މައުލޫމާތުތައް ފޭސްބުކުގައި ލައިވްކޮށްގެން ދެއްކި އިވެންޓުގައި ހިއްސާކުރެއްވި އެވެ.
"އާއްމު މުޖުތަމައުގެ ކަންބޮޑުވުމާއި ކެތްތެރިވުމާއި ފޮތް ކިޔުމުގެ މުހިއްމު ކަން، އާއްމުންނަށް ހާއްސަކޮށްގެން ގެންދިޔަ ބައިގައި ހިމެނީ،" އިސްމާއިލް ވިދާޅުވި އެވެ.
ދަރިވަރުންނަށް ހާއްސަ ކޮށްގެން ގެންދިޔަ ބައި ކުރިއަށް ގެންދިޔައީ ހުޅުދުއްފާރު ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ފަޔާޒެވެ. ތައުލީމީ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައިވާ ފަޔާޒު ވަނީ އެ ދާއިރާގައި 13 އަހަރު ހޭދަކުރައްވައިފަ އެވެ.
ޓީޗަރުންނާ ގުޅޭ ބައި އިސްމާއިލް ނަސީރު ނަންގަވައި ދެއްވިއިރު، އާއްމު މުޖުތަމައުގެ ބައި ގެންދެވީ ތައުލީމީ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށް އެ ދާއިރާގައި 16 އަހަރު މަސައްކަތްކުރުމަށް ފަހު، މިހާރު އޮޑިޓް އޮފީހުގައި މަސައްކަތް ކުރައްވަމުން އަންނަ އާދަމް ނަސީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ