ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތުގެ ދެވަނަ އަޑުއެހުމަށް މިރޭ ކްރިމިނަލް ކޯޓަށް ހާޟިރުވެވަޑައި ގެންފިއެވެ.
ކްރިމިނަލް ކޯޓްގައި މިރޭގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ސިއްރު މަޖިލީހެއްގެ ގޮތުގައެވެ. މިރޭގެ ޝަރީއަތުގެ މަޖިލީސް ސިއްރުކުރީ ކީއްވެގެން ކަމެއް ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ. ޝަރީއަތް ސިއްރުކުރުމުގެ ސަބަބުން ނޫސްވެރިންނަށާއި އާންމު އެއްވެސް ފަރާތަކަށް ޝަރީއަތުގެ މަޖިލީހަކަށް ނުވަދެވުނެވެ.
އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުއްވި ކަމުގެ ދައުވާއެވެ.
މިދައުވާ އުފުލާފައިވަނީ އަބްދުﷲ ރިޔާޒްގެ މޮބައިލް ފޯނުގެ ޕާސްވޯޑް ފުލުހުންނާ ހިއްސާކޮށްފައިނުވާތީ ކަމަށް ބުނެ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ދަށުންނެވެ.
ގާތްގަނޑަކަށް ދެގަޑިއެއްހާއިރަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތަށްފަހު ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަބްދުﷲ ރިޔާޒް ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް މިހިންގާ ޝަރީއަތަކީ ގުޅިފައިވާ ޕާޓީތަކުން ހިންގާ ސިޔާސީ ހަރަކާތްތަކާ ގުޅިގެން އެ ހަރަކާތްތައް ހުއްޓުވަން ސަރުކާރުން ކުރާ ކަމެއް ކަމަށެވެ.
އަދި މިކަމަކީ ގައުމުގައި ހުރި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކާއި، ގައުމުގައި ހުރި ބޮޑެތި އެހެނިހެން މައްސަލަތަކާ ދެކޮޅަށް ގާސިމް އިބްރާހިމްއާއި، ރައީސް މުހަންމަދު ނަޝީދާއި، ރައީސް މައުމޫނާއި، ޝައިޚް އިމްރާން އަބްދުﷲ ގުޅިވަޑައިގެން ކުރައްވަމުން ގެންދަވާ މަސައްކަތުގައި އެމަނިކުފާނު އެހީތެރިވެވަޑައިގަންނަވާތީ، އެކަން ހުއްޓުވަން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
"އެއްފަހަރު ފޯނު ގެންދާނެ. އަނެއްފަހަރު އަޅުގަނޑުމެން ޕޯޑިއަމެއްގައި ދައްކާ ވާހަކަޔަކުން މައްސަލަ ބަލާނެ. މިޒަމާނުގައި ސިޔާސީ މީހުން ސިޔާސީ ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތަކަށް ފުލުސް އޮފީހަށް ގެންގޮސް ސުވާކުރެވި ކަންކަން ކުރެވިވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ސިޔާސީ މީހުން ސިޔާސީ ކަންކަން ހިންގަން ފުރުސަތު ދެއްވަން ޖެހޭނެ" ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުން އިންތިޚާބުކޮށް ގާނޫނީ ވަކި ހުވައެއް ކޮށްގެން ވަކި މަސައްކަތެއް ކުރައްވަން ތިއްބަވާ ބައެއް ކަމަށެވެ. "އަޅުގަނޑުމެން މިތިބެނީ ސަރުކާރަށް ސަނާކިޔާކަށް ނޫން. އަޅުގަނޑުމެންނަކީ ސަރުކާރު ޒިންމާދާރު ކުރުވަން ތިބި ބައެއް. މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތަކީ އެއީ. މިހާރު ހިނގާ ކަންކަމަކީ ރައީސް ޔާމީންއަށް އެއްގޮތަކަށްވެސް ހަޖަމްވެވަޑައިނުގެން އެކަން ހުއްޓުވަން ކުރައްވާ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ" ރިޔާޒް ވިދާޅުވިއެވެ.
އަޅުގަނޑުމެން މިތިބެނީ ސަރުކާރަށް ސަނާކިޔާކަށްނޫން: އަބްދުﷲ ރިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ