އަޅުގަނޑު މިހުރީ ބޭސްފަރުވާގައި: ގާސިމް އިބްރާހިމް

މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވީ ބޭސްފަރުވާއަށްޓަކައިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހުކުމަށް ފިލައިގެން އުޅޭކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެ އިދާރާއިން އެންގި އެންގުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ގާސިމް ވިދާޅުވީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ދައުލަތުގެ އިދާރާޔަކުގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ. އެ އަމުރުގައިވާ ފަދައިން ބޭސްފަރުވާގައި ހުއްޓާ، ފިލައިގެން އުޅޭ މީހެއްކަމަށް ބުނެ ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން މަސައްކަތްކުރުމަކީ ކޯޓްގެ ހުރުމަތްކަނޑުންކަމަށް ދެކޭކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ ގާނޫނޫ ނަންބަރު 22/2010ގެ 77 ވަނަ މާއްދާ ބައްލަވާލެއްވުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.
އެ މާއްދާގައި ބުނެފައިވަނީ ކޯޓަކުން ނިންމާ ނިންމުމަކަށް އަމަލުކުރުން ފަސްކުރުމަށް އެ ކޯޓަކުން، ނުވަތަ އެ މައްސަލައެއް އިސްތިއުނާފުކުރާ ކޯޓަކުން ނާންގާހާ ހިނދަކު، ކޮންމެ ކޯޓެއްގެ ނިންމުމަކީ ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލްއިންސާފު ގާއިމުގެ ބާރުންނާއި، މުސްތަގިއްލު މަގާމުތަކުގައި ތިބި މީހުންނާއި، ދައުލަތުގެ މުއައްސަސާތަކުންނާއި، ދައުލަތުގެ މަގާމުތަކާއި ހަވާލުވެ ތިބޭ މީހުންނާއި، ސިފައިންނާއި، ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއި، އެންމެހާ ރައްޔިތުން އެ މައްޗަށް ތަބާވުން ލާޒިމް ނިންމުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ