އެފްރިކާގެ 600 މިލިއަން މީހުންނަށް އޭކޯން ކަރަންޓު ފޯރުކޮށްދެނީ

އެފްރިކާގެ 600 މިލިއަން މީހުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަޝްހޫރު އާރްއެންބީ/ހިޕްހޮޕް ލަވަކިޔުންތެރިޔާ އޭކޯން މަސައްކަތް ފަށައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އޭކޯން ވަނީ އޭނާގެ ޚަރަދުގައި ސޯލަރ އެކެޑަމީއެއް އިފްތިތާޙު ކުރަން އުޅޭކަން ހާމަކޮށްފައެވެ. މި އަހަރުގެ ހޫނު މޫސުމުގައި މި އެކެޑަމީ ހުޅުވަން ހަމަޖެހިފައި ވަނީ މަލީގެ ވެރިރަށް ބަމާކޯގައެވެ.
އޭކޯންގެ "އޭކޯން ލައިޓިންގ އެފްރިކާ އިނިޝިއޭޓިވް" ގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމްގައި އެފްރިކާގެ ޒުވާނުން، އިންޖިނިއަރުންގެ ގޮތުގައި ތަމްރީނުކޮށް، އެ ޒުވާނުންގެ ޤާއުމުތަކުގައި އަވި ބޭނުން ކޮށްގެން ކަރަންޓު އުފައްދަން އެހީވެދެވޭނެއެވެ. މި ޕްރޮގްރާމްގައި ކިޔަވައިދޭނީ މިދާއިރާގެ ތަޖުރިބާކާރުންނެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ ބައިވެރިންނަށް އިރުގެ އަވިން އުފައްދާ ކަރަންޓު ލިއްބައިދޭ ސިސްޓަމް އިންސްޓޯލްކޯށް، ދެމެހެއްޓެނިވި ގޮތެއްގައި އެ ސިސްޓަމްތައް ބެލެހެއްޓުމަށް ދަސްކޮށްދީ، ދެމެހެއްޓެނިވި ގޮތެއްގައި އެފްރިކާއަށް ކަރަންޓު ފޯރުކޮށްދިނުމެވެ.
އެފްރިކާއަކީ އަހަރުގެ 320 ދުވަހު އަވި ދޭ ބައްރަކަށްވާއިރު، މި މަސައްކަތް ކާމިޔާބު ކުރުމަށް ބޭނުންވާ ވަޞީލަތާއި ޓެކްނޮލޮޖީ މިއަދު ދުނިޔޭގައި އުފެއްދިފައި އެބަހުރިކަމަށް އޭކޯން ލައިޓިންގ އެފްރިކާ އިނީޝިއޭޓިވް އިން ބުނެއެވެ.
އެފްރިކާގެ އާބާދީގެ 70 އިންސައްތަ އަކީ 35 އަހަރުން ދަށުގެ ޒުވާނުންނަށް ވީއިރު، ގިނަ ބަޔަކަށް ވަޒީފާގެ ފުރުޞަތުވެސް ބޭނުންވެއެވެ. އެހެންކަމުން އޭކޯން ލައިޓިންގ އެފްރިކާއަކީ ދެމެހެއްޓެނިވި ގޮތެއްގައި އެފްރިކާގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިއްބައިދޭނެ ކަމެއް ކަމަށް ޤަބޫލު ކުރެވެއެވެ.
 
މަސްދަރު: ރޮއިޓަރޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ