އަބްދުﷲ ގާޒީ މިރޭ ފުލުހަށް ހާޒިރުވާން އަންގައިފި

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވައިފި އެވެ.
އަބްދުﷲ ގާޒީގެ ނަމުން މަޝްހޫރުވެފައިވާ އިސް ގާޒީ ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ މިރޭ 8:30 އަށެވެ. ޗިޓް ފޮނުވާފައިވަނީ މިއަދު މެންދުރު 12:30ގައެވެ.
ފުލުހުން ޗިޓް ފޮނުވި އިރު ބުނެފައި ވަނީ އިސް ގާޒީ ހާޒިރު ކުރައްވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އަބްދުﷲ ގާޒީ ވިދާޅުވީ ފުލުހަށް ހާޒިރުވާން ޗިޓް ލިބިފައިވާ ކަމަށާއި ފުލުހުން އެމަނިކުފާނު ހާޒިރު ކުރަން ބޭނުންވަނީ ކީއްވެގެން ކަން އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ.
"ޝައްކު ކުރައްވަނީ ތުހުމަތު ކުރައްވަނީ ކޮން ކަމަކަށް ކަމެއް ނޭނގޭ، ޗިޓު އެބައޮތް ލިބިފައި،" އަބްދުﷲ ގާޒީ ވިދާޅުވި އެވެ.
މިރޭ ފުލުހަށް ވަޑައިގަނަވާނަންތޯ ސުވާލު ދެންނެވުމުން ސާބިތު ނުހިފޭ ވާހަކަ ދެއްކެވި ކަމަށް ތުހުމަތުކޮށް ފުލުހުން ހައްޔަރުކުރި ޑރ. މުހައްމަދު ޖަމީލު ދޫކޮށްލެއްވުމަށް އަމުރު ކުރެއްވެވި ގާޒީ ހިނިފުޅު ވަޑުވާފައި ވިދާޅުވީ "އެއް އެނގޭނީ ގަޑި ޖެހުނީމާ" ކަމަށެވެ.
އަބްދުﷲ ގާޒީ މިރޭ ފުލުހަށް ހާޒިރުވާން އަންގާފައިވާއިރު ޑރ. މުހައްމަދު ޖަމީލު ވެސް ވަނީ މިރޭ ހާޒިރުވާން އަންގާފަ އެވެ. އަދި މިރޭ އަބްދުﷲ ގާޒީ ހާޒިރު ކުރައްވާއިރު ފުލުހުން ސަންދާން އަހަންމައިދީ ހައްޔަރުކުރި މައްސަލައިގައި ކޯޓަށް ހާޒިރުވާން ދެފަހަރަށް ކްރިމިނަލް ކޯޓުން އަމުރުކޮށްގެން ވެސް ފުލުހުން ވަނީ ކޯޓަށް ހާޒިރު ނުވެފަ އެވެ. ފުލުހުން ކޯޓަށް ހާޒިރުވެފައި ވަނީ ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް އެންގުމުން މިއަދު ހެނދުނު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ