ފައިސަލް އާއި ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިފި
ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުހައްމަދު ފައިސަލް އާއި ކުރިން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވެވި ސ. ހިތަދޫ، ބާޒީގެ، ހުސައިން ޝަހީދު ހައިކޯޓުގެ ފަނޑިޔާރުު ކަމުގެ ހުވާ މިރޭ ކުރައްވައިފިއެވެ. އެ ދެ ބޭފުޅުން ހުވާ ކުރައްވާފައި ވަނީ އެކަމަށްޓަަކައި މިރޭ ސުޕްރީމް ކޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އެ ދެ ބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދެވެ. އަދި ފަނޑިޔާރުކަމުގެ ފަތްކޮޅު އެ ބޭފުޅުންނާ ހަވާލުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. ބ. ފުޅަދުއަށް ނިސްބަތްވެވަޑައިގަންނަވާ ފައިސަލް އަކީ ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި މެމްބަރެވެ. ފައިސަލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައިވާއިރު، ޖޭއެސްސީގެ ނައިބު ރައީސް ކަމުން އޭނާ މިހާރު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ފަތްކޮޅު އުއްތަމަ ފަނޑިާޔާރު ޝަހީދާ ހަވާލު ކުރައްވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމުގެ ކުރިން ޝަހީދަކީ އެ ކޯޓުގެ ލީގަލް އޮފިސަރުކަމާއި ސ. ފޭދޫ ކޯޓުގެ މެޖިސްޓްރޭޓުކަން ވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. ހައިކޯޓުން ދެ ފަނޑިޔާރެއްގެ މަގާމް ހުސްވެެފައި ވަނީ އެ ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމާ ގުޅިގެންނެވެ. ފަނޑިޔާރުންގެ ގާނޫނު ބުނާގޮތުން ހައިކޯޓުގައި ތިބެން ޖެހޭނީ ޖުމްލަ 11 ފަނޑިޔާރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ