ޖަޒީރާ ރައީސް ކެމްޕޭން ތެރެއިން ގުޑިއެރުވުން މިއަދު ހަވީރު

ޖަޒީރާ ރައީސް ކެންޕެއިންގެ ތެރެއިން އެމްޑީޕީގެ ޒުވާނުން ގޮފިން އިންތިޒާމް ކޮށްގެން ޒުވާނުންގެ ގުޑި އެރުވުމުގެ ހަރަކާތެއް އަންގާރަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.
މިހަރަކާތުގައި "ޖަޒީރާ ރައީސް" ކެމްޕޭން ލޯގޯ ޖަހަފައިވާ ގުޑީތައް އެރުވުމަށް ހަމަޖެހިފައިވާ އިރު މި ހަރަކާތް ހިންގުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:30 ގައި ސްވިމިން ޓްރެކާއި އުސްފަސްގަނޑާ ދެމެދުގައި ކަމަށެވެ.
މި ހަރަކާތުގެ އިތުރުން ރޭ ހޭންގްއައުޓް ކެފޭގައި ހޯމަ ދުވަހުގެ ރޭ ބޭއްވި "ޖަޒީރާ ރައީސް'ގެ ކެމްޕެއިން ހަރަކާތުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިއިރު، ބައެއް ފަންނާނުންގެ ހުނަރުތައް ވަނީ ދައްކާލަފައެވެ.
އެ ހަރަކާތުގައި ޒުވާނުން ކުރެހި ރައީސް ނަޝީދުގެ ފޮޓޯތައް ސްކައިޕް މެދުވެރިކޮށް އެމަނިކުފާނަށް ދައްކާލާފައިވާއިރު، އެކުރެހުންތަށް ކުރެހި ޒުވާނުން ވަނީ ކުރެހުންތަކުން ދައްކުވައިދޭ ކަންކަން އެމަނިކުފާނާއި ހިއްސާކޮށްފައެވެ. އެ ޒުވާނުންނާ މުހާތަބުކޮށް ރައީސް ނަޝީދު ވެސް ވާހަކަ ދެއްކެވި އެވެ.
މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ހަރަކާތްތައް ރާއްޖޭގެ 138 ރަށެއްގައި ހިންގިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި 115 ރަށެއްގައި ރައީސް ނަޝީދު ވަނީ ސްކައިޕް މެދުވެރިކޮށް ދޮރުން ދޮރަށް ކެމްޕޭން ހިންގާފައިވާފައެވެ.
ނަޝީދު އިންތިހާބުގައި ވާދަ ކުރާނެ ކަން އިއުލާން ކުރިނަމަވެސް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ވަނީ ބަންދުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ