ނަޝީދާއި ގާސިމް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ޖަލަށް ހުކުމް ކޮށްފައިވާ ދެ ޤައިދީން ކަމަށްވާ ޤާސިމް އިބްރާހީމާއި، މުހައްމަދު ނަޝީދު ފިލައިގެން އުޅޭތީ ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވައިފި. މި ދެގައިދީން ފުލުސް އޮފީހަށް ހާޒިރުވާންޖެހޭ ސަބަބު ހާމަކުރައްވާ ނަޝީދާއި ގާސިމަށް ފުލުހުން ޓުވީޓާ މެދުވެރިކޮށް ފޮނުވި ޗިޓްގައި ބުނެފައިވަނީ ދެ ބޭފުޅުންވެސް ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ބޭރުން ބޭސްފަރުވާ ކުރުމަށްޓަކައި ފޮނުވާލެވި، އަދި އެކަމަށް ދިން މުއްދަތު ހަމަވެފައިވާ ކަމަށެވެ. އަދި މުއްދަތު ހަމަވުމުންވެސް އެނބުރި ރާއްޖެ ނައިސް، ހުކުމަށް ފިއްލަވައިގެން އުޅުއްވާ ކަމަށެވެ. ޗިޓުގައި ބުނެފައިވަނީ ދެ ބޭފުޅުންވެސް ހާޒިރުކުރަން ބޭނުންވަނީ ހުކުމަށް ފިލައިގެން އުޅޭ މައްސަލައިގެ ތަހުގީގަށް ބަޔާން ނެގުމަށް ކަމަށެވެ. ކުރީގެ ރައީސް ނަޝީދު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށެވެ. ގާސިމްއަށް އަންގާފައިވަނީ އެ ދުވަހުގެ މެންދުރު 14:00 އަށެވެ. ޗިޓާ އެކު ފުލުހުން އާންމުކުރި އެންގުމެއްގައި ބުނެފައިވަނީ މަގުބޫލު އުޒުރެއް ދިމާވެގެން ހާޒިރުނުވެވޭނަމަ ގަޑި ޖެހުމުގެ އެއްގަޑިއިރު ކުރިން އެކަމެއް ލިޔުމުން ބަޔާންކޮށް، ޗިޓާ އެކު ފުލުހުންގެ މަރުކަޒަށް ފޮނުވަންވާނެ ކަމަށެވެ. އަދި މަގުބޫލު އުޒުރެއް ނެތި ޗިޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުނުވެއްޖެ ނަމަ ގާނޫނުލްއުގޫބާތުގެ 530 އާއި 533 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ކަމަށް ބުނެފައިވެއެވެ. ގާނޫނުލްއުގޫބާތުގެ 530 ވަނަ މާއްދާއަކީ އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމާ ގުޅޭ މާއްދާއެވެ. އަދި 533 އަކީ ގާނޫނު ހިންގުމަށާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ މާއްދާއެވެ. މި ދެމާއްދާއާ ޚިލާފް ވެއްޖެ ނަމަ އެމީހަކާ މެދު ޖިނާޢީ ދައުވާ ކުރުމުގެ ބާރު ގާނޫނުން ލިބިގެން ވެއެވެ. ޓެރަރިޒަމްގެ ކުށް ސާބިތުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ނަޝީދު ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން ފަހުން އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވާފައެވެ.ނަޝީދާއި ގާސިމް ރާއްޖެއިން ބޭރުގައި ފިލައިގެން ދިރިއުޅެމުންދަނީ، ޖަލު ޙުކުމެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބުމަށްފަހު، ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ފޮނުވުމުންނެވެ. މި ބޭފުޅުންނަށް ބޭސްފަރުވާއަށް ހުއްދަ ދީފައިވާ މުއްދަތު ހަމަވެގެން ގިނަ ދުވަސްތަކެއް ވެފައިވާއިރު، އަނބުރާ ރާއްޖެ ނައިސް ބޭރުގައި ވަނީ ވަޒަންވެރިވެފައެވެ. ޖަލުގައި ހުންނެވުުމަށްފަހު ނަޝީދު ބޭރަށް ވަޑައިގަތީ އުނަގަނޑުގައި ރިއްސާ ކަމަށާއި، އެހެންވެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވައިގެންނެވެ. މީގެއިތުރުން ގާސިމް ޖަލުން ފިލާފައި ވަނީ ހިތުގެ އޮޕަރޭޝަނަކަށް ކަމަށް ވިދާޅުވެ، ސިންގަޕޫރުން ފަރުވާ ހޯދުމުގެ ނަމުގައެވެ. ނަމަވެސް ގާސިމް ވެސް ޖަލުން ފިލުމަށްޓަކާ ދައުލަތަށް އޮޅުވާލުމަށް ފަހު ގައުމުން ބޭރުގައި ފިލައިގެން ހުންނަވާ ދިވެހި ސަރުކާރު ބަދަލު ކުރުމަށް ގެންދަނީ މަސައްކަތް ކުރަމުންނެވެ. ނަޝީދާއި ގާސިމް އަނބުރާ ރާއްޖެ އައުމަށް މީގެކުރިން ވެސް ކަރެކްޝަނަލް ސާވިސްއިން ވަނީ އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ