ބޭރުގެ ހިމާޔަތް ހޯދާ މީހުންނަށް ވާދަ ނުކުރެވޭ ގޮތަށް ފާސްކޮށްފި

ބޭރުގެ އެކި ގައުމުތަކުގެ ސިޔާސީ ހިމާޔަތް ހޯދާފައިވާ މީހުންނަށް ރިޔާސީ އިންތިހާބުތަކުގައި ވާދަ ނުކުރެވޭ ގޮތަށް ރިޔާސީ އިންތިހާބާ ބެހޭ ގާނޫނު އިސްލާހު ކުރުމަށާއި އިންތިހާބުތަކާ ބެހޭ އިތުރު ދެ ގާނޫނެއް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އިންތިހާބުތަކާ ގުޅޭ ގާނޫނުތަކަށް ސަރުކާރު ފަރާތުން ހުށަހެޅި އެ ތިން އިސްލާހަކީ ރައްޔިތުންނާ ސީދާ އަމަލު ކުރަން ޖެހޭ ގާނޫނަކަށް ވާތީ އެ އިސްލާހުތަކަށް ވޯޓަށް އެހޭނީ 43 މެންބަރުން ބައިވެރިވާ ޖަލްސާއެއްގައި ނަގާ ވޯޓަކުންނެވެ. ނަމަވެސް އިދިކޮޅު މެންބަރުން ޖަލްސާ ބޮއިކޮޓްކޮށްފައިވާތީ މިއަދާ ހަމަޔަށް އެ އިސްލާހުތައް ވަނީ ފާސް ނުކުރެވިފަ އެވެ. މިއަދަކީ އެ އިސްލާހުތައް ފާސްކުރަން މަޖިލިސް ބާއްވާ ތިން ވަނަ ދުވަހެވެ.
އެ އިސްލާހުތައް ފާސް ކުރަން މިއަދު ވެސް ތާވަލުކޮށްފައިވާ އިރު މިއަދުގެ ޖަލްސާއަށް ވެސް ހަމަވީ 35 މެންބަރުން ކަމަށް ރިޔާސަތުން އިއުލާން ކުރެއްވި އެވެ. ނަމަވެސް ޖަލްސާގެ ހާޒިރީގައި އެމްޑީޕީގެ 10 މެންބަރަކާއި ޖޭޕީގެ ހަތަރު މެންބަރަކު ސޮއިކޮށްފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވި އެވެ. އެހެންކަމުން ޖުމުލަ 49 މެންބަރުން ޖަލްސާގެ ހާޒިރީގައި ހަމަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް އިންތިހާބާ ގުޅޭ އިސްލާހުތަކަށް ވޯޓަށް އެހުމުގެ ކުރިން މަސީހު ވަނީ ރިޔާސަތުން ހުށަހެޅުމެއް ހުށަހަޅާފަ އެވެ. އެއީ މިދިޔަ ދެ ދުވަހުގެ މަތިން ވެސް ރިޔާސީ އިންތިހާބުތަކާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް އިދިކޮޅު މެންބަރުން މަޖިލީހަށް ހާޒިރުވުމަށް ތަކުރާރުކޮށް އިލްތިމާސް ކުރި ނަމަވެސް ޖަލްސާގައި ބައިވެރިވެފައި ނުވާތީ އާއި އެ ތިން އިސްލާހު ފާސް ކުރުމަށް ޒަރޫރަތްތެރި ހާލަތެއް އައިސްފައިވާތީ 43 މެންބަރުން ހަމަ ނުވަަނީސް ވޯޓަށް އަހަން ފެންނަ ކަމަށެވެ. އެ ހުށަހެޅުން ފާސް ކުރަން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވި 31 މެންބަރުން ވޯޓު ދީ އެ ހުށަހެޅުން ފާސްވި އެވެ.
އެއަށް ފަހު އިންތިހާބުތަކާަ ބެހޭ ގާނޫނުތަކަށް ހުށަހަޅާފައިވާ އިސްލާހުތަކަށް މަސީހު ވޯޓަށް އެހި އެވެ. އެގޮތުން ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ރިޔާސީ އިންތިހާބާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް ވޯޓު ލާން ރިޔާސަތުން ފުރުސަތު ހުޅުވާލުމުން 34 މެންބަރުންގެ އިއްތިފާގުން އެ އިސްލާހު ފާސްވި އެވެ. އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަން ޖެހޭ އިދާރީ ފީ 100،000 ރުފިޔާއަށް ބޮޑު ކުރާ ގޮތަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ހުށަހެޅުއްވި އިސްލާހަށް ވެސް ވޯޓަށް ހުޅުވާލުމުން 34 މެންބަރުންގެ އިއްތިފާގުން އެ ދެ އިސްލާހު ވެސް ފާސްވި އެވެ.
މަޖިލީހަށް 43 މެންބަރުން ހަމަ ނުވަނީސް އިންތިހާބުތަކާ ބެހޭ މުހިންމު ތިން އިސްލާހެއް ފާސްކޮށްފައިވާ އިރު އިދިކޮޅު މެންބަރުން ބުނަމުން އައީ އެ މެންބަރުން ޖަލްސާގައި ބައިވެރިވާނީ ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެންބަރުން ވެސް ޖަލްސާއަށް ވަނުމަށް ފުރުސަތު ދިނުމުން ކަމަށެވެ. -- 12 މެންބަރުންގެ މައްސަލާގައި 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ބެހޭ އަޑު އެހުމަށް މާދަމާ އެ ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ. --
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ