ޝަރުއީ ނިޒާމު އޮތީ ރައްޔިތުން ހިތާމަކުރަންޖެހޭ ފަދަ ހާލަތެއްގައި: ޑރ. ޖަމީލް

ރާއްޖޭގެ ޝަރުއީ ނިޒާމް އޮތީ ރައްޔިތުން ހިތާމަކުރަންޖެހޭ ފަދަ ހާލަތެއްގައި ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.
އެކި އތޮޅުތަކުގެ މީހުންނަށް ހާއްސަކޮށްގެން ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި ބައްދަލުވުމެއްގައި ޑރ. ޖަމީލް ވިދާޅުވީ މިނިވަން ޝަރުއީ ނިޒާމެއް ގެނައުމުގެ ބޭނުމުގައި އައު ގާނޫނު އަސާސީގެ ދަށުން ޖުޑިޝަލް ސާވިސް ކޮމިޝަނަކާއި ކޯޓުތަކާ ބެހޭ ގާނޫނާއި ކަމާބެހޭ ގާނޫނުތަކެއް ހެދި އަގުބޮޑު ނިޒާމެއް ގެނެވިފައިވާ ކަމަށެވެ. އަދި އެހެން ފަރާތަކަށް ނުލިބޭ ވަރުގެ ބޮޑެތި މުސާރަ އާއި އިނާޔަތްތައް ކޯޓުތަކުގެ ފަނޑިޔާރުންނަށް ދެމުންދާ ކަމަށް ޖަމީލް ވިދާޅުވި އެވެ. އެހެން ނަމަވެސް ރައްޔިތުންގެ ފައިސާއިން އެ ހުރިހާ ކަމެއް ހަމަޖައްސަމުންދާއިރު ރައްޔިތުންނަށް އިންސާފު ލިބެމުންދޭތޯ ސުވާލު އުފެދޭ ކަމަށް ވެސް ޖިނާއީ ކޯޓުގެ އިސް ގާޒީކަމާއި ޖަސްޓިސް މިނިސްޓަރުކަން ވެސް ކުރެއްވި ޖަމީލް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ހިތާމަކުރާ ދަރަޖައަށް ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމް ވަނީ ގެނބިގެން ގޮސްފައި، ކޮން ގައުމެއްގައި ކޮން ދިމާއަކަށްތޯ އެގައުމެއްގެ ރައްޔިތުންގެ މައްޗަށް އަނިޔާވެރިވެ، ރައްޔިތުންނާ ތަޅާ ފޮޅާ، ރައްޔިތުންނަށް ބިރު ދައްކާ، މީސްމީހުން ވަގަށް ނަގައި، ރައްޔިތުންގެ މުދަލުން އިންތިހާއަށް ކޮރަޕްޝަން އިތުރުކޮށް، އެތައް މިލިއަނުން ރައްޔިތުންގެ މުދާ ނައްތާފަ އަދި ރައްޔިތުންގެ މުދާ ވިއްކާލި މީހަކަށް އެ މީހެއްގެ މައްޗަށް އެއްވެސް ތަހުގީގެއް، އެ މީހެއްގެ މައްޗަށް ޝަރީއަތެއް ނުހިންގޭ ކަމަށްވާ ނަމަ އެއީ ދެން ގައުމަކާ ދޭތެރޭގައި ވަރަށް ފުންކޮށް ވިސްނާލަންޖެހޭ ކަމެއް،" ޖަމީލް ވިދާޅުވި އެވެ.
ކުރީގެ ރައީސް ނަޝީދަށް ނިސްބަތް ކުރައްވާ ޑރ. ޖަމީލް ވިދާޅުވީ މިގައުމުގެ އަދުލު އިންސާފުގެ ނިޒާމް ފުރިހަމަ ގޮތުގައި ހިނގިނަމަ ބައެއް ބޭފުޅުންގެ ނަންތައް ވޯޓު ކަރުދާހުގައި ނޯންނާނެ ކަމަށެވެ. އަދި އެކަމުގެ ފުރިހަމަ ޒިންމާ ޝަރުއީ ނިޒާމުން އުފުލަންޖެހޭނެ ކަމަށް ވެސް މި ސަރުކާރުގައި ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި ޖަމީލް ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ ވެރިކަމެއްގައި އަދުލު އިންސާފުގެ ނިޒާމް ރަނގަޅުކުރާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.
ޖަލްސާގައި ޖަމީލްގެ އިތުރުން ޕީޕީއެމްގެ ބައެއް އެހެން އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވި އެވެ. އަދި އެ ޕާޓީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް ބައިވެރިވެ ވަޑައިގަންނަވާ ބޮޑު ޖަލްސާއެއް މާދަމާ ރޭ އާޓިފިޝަލް ބީޗްގައި އޮންނާނެ ކަމަށް ވެސް މިރޭގެ އެ ހަފްލާގައި އިއުލާން ކުރި އެވެ.
ޝަރުއީ ނިޒާމަށް ފާޑު ވިދާޅުވެ ޖަމީލް މިރޭ ވާހަކަފުޅު ދެއްކެވިއިރު ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރަކު ހިލޭ އަންހެނުންތަކަކާ ޖިންސީ ގުޅުން ހިންގާ ކަމަށް ބުނާ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. އެކަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ވެސް ބަލަމުންދާއިރު އެ ފަނޑިޔާރާ މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ