ދެ ލައްކައެއްހާ ރުފިޔާ ކުންފުންޏަކަށް ދައްކަން މުސްތަފާގެ މައްޗަށް ކޯޓުން އަމުރުކޮށްފި

ކުންފުންޏަކަށް ދެ ލައްކައެއްހާ ރުފިޔާ ދައްކަން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ މެމްބަރު މުސްތަފާގެ މައްޗަށް މި ހުކުމް އައީ އެމެޓީ އެންޓަޕްރައިސަސް ކިޔާ ކުންފުންޏެއްގެ ތަނެއް، އޭނާ ކުއްޔަށް ހިފައިގެން އުޅުނު މުއްދަތުގައި ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދައްކައިގެން އެ ކުންފުނިން ދައުވާ ކުރުމުންނެވެ.އެމެޓީ ކުންފުނިން މުސްތަފާ އަށް މާލެ އިން ކުއްޔަށް ދޫކުރި ތަނެއްގެ ކުލި 2009 ވަނަ އަހަރުން ފެށިގެން މާޗް، 2013 އާ ހަމައަށް ނުދައްކައި އޮތުމުން، އެ މުއްދަތުގެ ކުލީގެ ގޮތުގައި 194،000ރ. ރުފިޔާ އަރާފައިވާކަން ސާބިތުވާ ކަމަށް މިދިޔަ ބުރާސްފަތިދުވަހު އިއްވި ހުކުމުގައިވެ އެވެ.ތިން މަސް ތެރޭގައި އެ ފައިސާ ދައްކަން މުސްތަފާގެ މައްޗަށް ހުކުމުގައި ވަނީ އަންގައިފަ އެވެ.މި ފައިސާ ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއި މުސްތަފާގެ ފަރާތުން އެމެޓީ ކުންފުންޏަށް އިތުރު 193،000ރ. ލިބެންޖެހޭ ކަމަށް ބުނެ އެ ފައިސާ ވެސް އޭނާގެ ކިބައިން ހޯދަން އެ ކުންފުނިން ދައުވާގައި އެދުނެވެ. އެކަމަކު ކޯޓުން ނިންމީ ގެއްލުމެއް ލިބިފައިވާ ކަން ސާބިތުނުވާ ކަމަށާއި އަދި އިތުރަށް ދޭންޖެހޭ ކަމަށް ބުނާ 193،000ރ. ނުލިބި އޮތްކަން ވެސް ސާބިތުނުވާ ކަމަށެވެ. އެހެންވެ އެ ފައިސާ ނަގައިދެވެން ނެތް ކަމަށް ހުކުމުގައިވެ އެވެ.ތިން މަސް ތެރޭގައި 194،000ރ. ދައްކަން މުސްތަފާ އަށް ކޯޓުން އަންގާފައިވާއިރު، އެ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ، މުސްތަފާގެ މެމްބަރުކަމުގެ ގޮނޑިއާ މެދު ސުވާލު އުފެދޭނެ އެވެ. ގާނޫނުއަސާސީ ބުނާގޮތުން ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.މީގެ ކުރިން ވެސް މުސްތަފާގެ މެމްބަރުކަމުގެ ގޮނޑި ގެއްލުނީ ފައިސާގެ މައްސަލައެއްގައި ހުކުމާ އެއްގޮތަށް ދަރަނި އަދާކޮށްފައި ނެތުމުންނެވެ. އޭރު ބޭންކަކުން ނަގާފައިވާ 480،000ރ. ގެ ލޯނެއް ހުކުމާ އެއްގޮތަށް އަދާކޮށްފައި ނެތުމުން މުސްތަފާގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމީ ސުޕްރީމް ކޯޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ