މާލިއްޔަތު ގާނޫނާ ހިލާފަށް އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ހަރަދުކޮށްފައިވާ ކަމަށާއި އެ ފައިސާ އަނބުރާ ހޯދުމަށް އޮޑިޓަ ޖެނަރަލް ނިޔާޒު އިބްރާހިމް އަންގަވައިފި އެވެ.
އިއްޔެ ނެރުނު، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ކޮންމެ ފަނޑިޔާރަކަށް ފޯނަކާއި ޕޯސްޓް ޕެއިޑް ލައިނެއް ސުޕްރީމް ކޯޓުގެ ބަޖެޓުން ހޯދާފައިވާ ކަމަށާއި އަދި އެ ލައިންތަކުގެ ބިލްތައް ވެސް ދައްކަމުން ގޮސްފައިވަނީ ސުޕްރީމް ކޯޓުގެ ބަޖެޓުން ކަމަށެވެ. އެގޮތުން އޮކްޓޯބަރު 2008 އިން 2011ގެ ނިޔަލަށް 81،519.71 2ރ. ފޯނު ގަތުމަށާއި ފޯނު ބިލަށް ހަރަދުކޮށްފައިވެ އެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ކޯޓުން ދީފައިވާ ފޯނުން ޕްރިޕެއިޑް ލައިންތަކަށް 2،223ރ. ޓްރާންސްފަ ކޮށްދިން ކަމަށާއި އެ ފައިސާ އަލުން ޖަމާކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
މި މައްސަލައިގައި އޮޑިޓަ ޖެނެރަލް އެދި ލަދާ ދެއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފޯނު ބިލްތަކަށް ކޯޓުން ދައްކާފައިވާ ފައިސާ، ފަނޑިޔާރުންގެ އަތުން ހޯދުމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ކާރެއް އެހެން ކާރެއްގައި ޖެހި އެކްސިޑެންޓްވި މައްސަލަ ވެސް އޮޑިޓަ ޖެނެރަލް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެ ކާރު މަރާމާތުކުރުމަށް 13،200ރ. ހަރަދުވެފައިވާއިރު، ކާރު ދުއްވަން ހުރީ އަސްލު ޑްރައިވަރު ނޫން ކަމަށް ބުނެފައި ވެ އެވެ. މި މައްސަލައިގައި އޮޑިޓަ ޖެނެރަލް ލަފާ ދެއްވާފައިވަނީ ކާރު މަރާމާތުކުރުމަށް ހިނގި ހަރަދު، އެކްސިޑެންޓްވިއިރު ކާރު ދުއްވަން އިން މީހާ ނުވަތަ ކާރު ހަވާލުކޮށްފައިވާ ފަނޑިޔާރުގެ އަތުން ހޯދައި ދައުލަތުގެ އާމްދަނީ އެކައުންޓަށް ޖަމާކުރުމަށެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒުގެ ކާރުކޮޅު ދުއްވި ސުޕްރީމް ކޯޓުގެ ދެ ޑްރައިވަރުންނަށް މިދިޔަ އަހަރު މުސާރަ އާއި އިނާޔަތްތައް ސުޕްރީމް ކޯޓުން ދިން މައްސަލަ ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ފަނޑިޔާރުންގެ ކާރު އެލަވަންސްގެ ގޮތުގައި މަހަކަށް 6،500ރ. ހަމަޖައްސާފައިވާއިރު، އުއްތަމަ ފަނޑިޔާރު އެ ފައިސާ ނުނަންގަވަ އެވެ.
އުއްތަމަ ފަނޑިޔާރު، ކާރު އެލަވަންސް ބޭނުން ނުކުރައްވައި، ސުޕްރީމް ކޯޓުގެ ދެ ޑްރައިވަރުންގެ މުސާރަ އާއި އެލަވަންސަށް މިދިޔަ އަހަރު 55،832.92 2ރ. ދީފައިވެ އެވެ. އެއީ ފަނޑިޔާރެއްގެ އެއް އަހަރުގެ ކާރު އެލަވަންސަށް ޖެހޭ ވަރަށް ވުރެ 77،832.9 1ރ. އިތުރު އަދަދެއް ކަމަށް ރިޕޯޓުގައިވެ އެވެ. އެހެންމެ އެ ފައިސާ އަނބުރާ ދިނުމަށާއި ދައުލަތުގެ އަނެއް ދެ ބާރުގެ ވެރިންނަށް ކާރު ޑްރައިވަރުން ހަމަޖައްސާފައިވާ އުސޫލުން އުއްތަމަ ފަނޑިޔާރަށް ވެސް ދައުލަތުން ޑްރައިވަރުންގެ ހިދުމަތް ލިބޭ ގޮތަށް ހެދުމަށް ވެސް އޮޑިޓަ ޖެނެރަލް ލަފާދެއްވަ އެވެ.
އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ހދ. އިސް މެޖިސްޓްރޭޓް ކަމުގައި 24 މެއި 2009 ގައި އައްޔަންކުރެއްވި ބޭފުޅާ މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަސައްކަތް ނުކޮށް 58،000ރ އަށް ވުރެ ގިނަ ފައިސާ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ބަޖެޓުން ނަންގަވާފައިވާ ކަމަށެވެ. އޭނާއާ ފައިސާ ހަވާލުކުރީ ޖޭއެސްސީން ފައިސާ ހަވާލުނުކުރުމަށް އަންގާފައިވަނިކޮށް ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
ގާނޫނާ ހިލާފަށް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ވަނީ ހަރަދުކޮށްފައި: އޮޑިޓް ރިޕޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ