އިދިކޮޅު ހުރިހާ ލީޑަރުން އެކަތިގަނޑަކަށްވީ ގައުމު ސަލާމަތް ކުރުމަށްތަކައި އެނޫންގޮތެއް ނެތިގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބްލް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ބުދަދުވަހުގެރޭ ކުނޫޒްގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، މިހާރު މިއޮތް ގުޅިފައިވާ ޕާޓީތަކުގައި ހިމެނިވަޑައި ގަންނަވާ ހަތަރު ލީޑަރުންނަކީވެސް ޚިޔާލުގެ ގޮތުން ތަފާތު ހަތަރު ބޭފުޅުން ކަމަށެވެ. ސިޔާސީ ޕޯޑިއަމްތަކުގައި ތަފާތު ޚިޔާލުތައް ފާޅުކުރައްވައި ތަފާތު ވާހަކަތައް ދައްކަވާފައިވާ ލީޑަރުން ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ އިތުރުން އެމަނިކުފާނަކީވެސް ތަފާތު މެނިފެސްޓޯތަކާއެކު ރިޔާސީ އިންތިޚާބުތަކުގައި ވާދަކުރައްވާފައިވާ ބޭފުޅުން ކަމަށާއި، އެހެންކަމުން އެބޭފުޅުންގެ ވިސްނުންވެސް ތަފާތު ކަމަށް ގާސިމް ވިދާޅުވިއެވެ.
އެތިން ބޭފުޅުންގެ އިތުރުން އައްޝައިޚް އިބްރާމް އަބްދުﷲ އަކީ ސިޔާސީ ޕާޓީއެއް ހިންގަވާ ބޭފުޅެއް ކަމަށާއި، މިގައުމަށް ސަލާމަތްކަމެއް ލިބޭނޭ ދުވަހެއް ފެންނާން އޮތްނަމަވެސް މިގޮތަށް މަސައްކަތް ކުރާން ނުޖެހުނީސް ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، އެބޭފުޅުން އެއް އަމާޒަކަށް މަސައްކަތް ފަށްޓަވަން މަޖުބޫރުވެވަޑައި ގެންނެވީ ގައުމު މިހާރު ވެއްޓިފައި އޮތް ހާލަތުން ސަލާމަތް ކުރައްވައި، މިގައުމުގައި އަމާންކަމާއި ހަމަޖެހުން ގާއިމްކޮށް ގައުމު އެކަތިގަނޑަކަށް ހެއްދެވުމަށް ކަމަށެވެ.
މިގައުމުގައި އަދުއިންސާފު ގާއިމްކުރަންޖެހޭ ކަމަށާއި، ރައްޔިތުންނަށް އަސާސީ ހައްގުތައް ހޯދައިދީ، ގައުމުގެ މިލްކިއްޔާތު ވިއްކައި ހުސްކުރިޔަނުދީ އަދި ގައުމު ދަރަނިވެރިކުރުން ހުއްޓުވަންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
ރާއްޖޭގެ ވަސީލަތްތައް ކިތަންމެ މަދުނަމަވެސް ސަރުކާރުން ދަނީ ބޮޑެތި އިސްރާފްތައް ކުރަމުން ކަމަށާއި، އޭގެ ސަބަބުން ގައުމުގެ ދަރަނިވެރިކަން ބޮޑުވެ، އެދަރަނިތައް އަދާކުރާނީ ކިހިނެއްތޯ ގާސިމް ސުވާލު ކުރެއްވިއެވެ. ގައުމަށް އެއްޗެއް ނުލިބޭ ތާނގައި ދަރަނިތައް އަދާކުރުމަށް ރައްޔިތުންގެ އަތުން އަނެއްކާވެސް ޓެކްސް ނަގަން ފާސްކުރަންވީތޯވެސް އެމަނިކުފާނު ސުވާލު ކުރެއްވިއެވެ.
އިންޑިއާ ކަނޑުގެ މި ކުޑަކުޑަ ރާއްޖެ އެތައް ޒަމާނެއް ވަންދެން މިނިވަންކަންމަތީ ދެމިއޮތީ ކާބަފައިންގެ ވަރަށް ބޮޑެތި ގުރުބާނީތަކެއްގެ ސަބަބުން ކަމަށާއި، އެހެންކަމުން، މިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް ނެތިގޮސް، ފަޅުފަޅާއި ގިރިތައް ވިއްކައި، ގައުމު ބައިބަޔަށް ބަހާލަން އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެއްވާނޭ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ތަފާތު ސަބަބުތަކާހެދި އަނެއް ތިން ލީޑަރުންނަށް ޖަލްސާތަކުގައި ބައިވެރިވެވަޑައި ނުގެންނެވުނު ނަމަވެސް، އިސްލާހީ މަސައްކަތަށް އެބޭފުޅުން ދެއްވާ ހިތްވަރަށް ގާސިމް މިރޭގެ ޖަލްސާގައި ޝުކުރު އަދާކުރެއްވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، މިހާރު ގުޅިފައިވާ ޕާޓީތަކުގައި ހިމެނޭ އެއްވެސް ޕާޓީއެއްގެ ލީޑަރަކު ދެން ދުވަހަކުވެސް ރައީސް ޔާމިނަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
މިރޭގެ ޖަލްސާގައި ގާސިމް އިބްރާހިމްވަނީ ޕީޕީއެމްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަރަށް އަވަހަށް ރައީސް މައުމޫނާ ގުޅިވަޑައިގަންނަވާތަން ފެންނާނެ ކަމަށް ވިދާޅުވެފައެވެ. ހަމަ އެގޮތަށް ޖުމްހޫރީ ޕާޓީން އެހެންޕާޓީތަކަށް ވަޑައިގެންނެވި މެމްބަރުންވެސް އެނބުރި ވަޑައިގަތުމަށް ގާސިމް ގޮވާލެއްވިއެވެ. އެނބުރި ވަޑައިގަންނަވާ މެމްބަރުން ބަލައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށާއި އެކަމުގައި ބިރުފުޅު ނުގަތުމަށްވެސް ގޮވާލެއްވިއެވެ.
ގާސިމް ވަނީ، އެމަނިކުފާނު ހައްޔަރުކުރަން އުޅޭކަމަށް އަޑުތައް އިވޭ ކަމަށާއި، އެމަނިކުފާނު ނެތަސް އިސްލާހަށް ކުރެވޭ މަސައްކަތްތަކުން ހިތްވަރު ލިބިގަތުމަށް ގުޅިފައިވާ ޕާޓީތަކަށް ގޮވާލައްވާފައެވެ. ގައުމު ސަލާމަތް ކުރުމަކީ ވާޖިބެއް ކަމަށާއި އެމަނިކުފާނު ހައްޔަރު ކުރިޔަސް، އިސްލާހަށް ކުރެވޭ މަސައްކަތްތައް ނުހުއްޓުވޭނޭ ކަމަށާއި މިރޫހުވެސް ނުހުއްޓުވޭނޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހީމްވެސްވަނީ، ރައީސް ޔާމީން މިހާރު އިންތިޚާބެއްގައި ވާދަކުރެއްވިޔަސް %5 ވޯޓްވެސް ލިބިވަޑައި ނުގަންނަވާނޭ ކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމިނަށް މައުމޫން ކުރެއްވި ތާއީދާއި، އެމަނިކުފާނު ކުރެއްވި ތާއީދުވެސް އަނބުރާ ގެންގޮސްފައިވާކަން ގާސިމް ފާހަގަ ކުރެއްވިއެވެ.
އިދިކޮޅު ލީޑަރުން އެކަތިގަނޑަކަށްވީ ގައުމު ސަލާމަތް ކުރުމަށްޓަކައި މަޖުބޫރުވެގެން: ގާސިމް އިބްރާހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ