އަޔާދުގެ މަރާ އެކު އާއިލާ އާއި ހިތަދޫ ސްކޫލް ފުން ހިތާމައެއްގައި

އެ ނުރައްކާތެރި އެކްސިޑެންޓް އިއްޔެ ނުހިނގި ނަމަ މިއަދު ހިތަދޫ ސްކޫލްގެ އިންޓަ ހައުސް ފުޓްބޯޅަ މުބާރާތުގައި އޭނާ ކުޅޭނެ އެވެ. ހަމައެކަނި ނަމަކަށް ވެސް ނޫނެވެ. އޭނާ ހިމެނޭނީ ސްކޫލްގެ އެންމެ ހުނަރުވެރި ކުޅުންތެރިންގެ ތެރޭގަ އެވެ.އެކަމަކު އަޔާދު އަލީއަކަށް އެ ނަސީބެއް ނުލިބުނެވެ. ހިތަދޫ ލިންކް ރޯޑްގައި އިއްޔެ ހިނގި އެކްސިޑެންޓްގައި އޭނާ ވަނީ މަރުވެފަ އެވެ. އެއް އާއިލާއެއްގެ ޒުވާން ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކު ދިޔަ ސައިކަލްގައި، އިޔާދުގެ ސައިކަލުން ޖެހި ހިނގި އެ ނުރައްކާތެރި އެކްސިޑެންޓްގައި އަނެއް ދެ ކުދިންނަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބުނެވެ.އެކްސިޑެންޓްގައި އަޔާދުގެ ބޮލަށް ލިބުނު ގެއްލުންތައް ބޮޑެވެ. މަރުވީ އިތުރު ފަރުވާ އަށް މާލެ ގެނެވޭ ވަރަށް ވުރެ ސީރިއަސް ހާލުގައި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި އޮވެ، ރޭ ދަންވަރު ވަގުތެއްގަ އެވެ.މިއަދު ސްކޫލްގައި ފަށަން އޮތް އިންޓަ ހައުސް ފުޓްބޯޅަ މުބާރާތަކަށް އޭނާ އައީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އޭނާއަކީ ވަރަށް ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިއެކެވެ."މުޅި ސްކޫލަށާއި ސްކޫލްގެ ހުރިހާ ދަރިވަރުންނަށް ލިބުނު ވަރަށް ފުން
ހިތާމައެއް އަޔާދު މަރުވެގެން ދިއުމަކީ،" ގްރޭޑް ނުވައެއްގައި ކިޔަވަމުން
ދިޔަ ދަރިވަރާ ބެހޭ ގޮތުން ސްކޫލްގެ ޕްރިންސިޕަލް އާސިޔަތު މުހައްމަދުދީދީ
"ހަވީރަ"ށް ވިދާޅުވި އެވެ.އަޔާދުގެ މަރާ ގުޅިގެން ފުޓްބޯޅަ މުބާރާތް ފެށުން މިރެ އަށް ވަނީ ފަސްކޮށްފަ އެވެ. ސްކޫލްގައި މިއަދު ކިޔެވުން ބޭއްވީ ވެސް އިންޓަވަލް ކުރީގައި އެކަންޏެވެ.ޑރ. އާސިޔަތު ވިދާޅުވީ ސައިންސް ސްޓްރީމަށް ކިޔަވަމުން ދިޔަ އަޔާދަކީ ކިޔަވަން
ވެސް ރަނގަޅު، ސްކޫލްގެ ގިނަ ހަރަކާތްތަކުގައި ބައިވެރިވާ ކުއްޖެެއް
ކަމަށެވެ. "ވަރަށް ބަސް އަހާ ރަނގަޅު ކުއްޖެއް އެއީ،" އާސިޔަތު ވިދާޅުވި އެވެ. "ކުރިން ވެސް މި ސްކޫލްގައި ކިޔަވާފައި އާއިލާ މާލެ އަށް ބަދަލުވީމަ، އަޔާދު ވެސް މާލެ ބަދަލުވުމަށް ފަހު، އަނެއްކާ މި އަހަރު ސްކޫލާ އަލުން ގުޅުނީ ވެސް."އަޔާދު ދުއްވީ އޭނާގެ ރައްޓެއްސެއްގެ ސައިކަލެއް ކަމަށްވެ އެވެ. އަދި އެކްސިޑެންޓްގައި އޭނާ މަރުވުމުން ރަށު މީހުން ހިތާމަކުރުމުގެ އިތުރުން އެވަރުގެ ކުއްޖަކު ސައިކަލް ދުއްވަން ފުރުސަތު ދިނީތީ ރުޅިއައިސް ބައެއް މީހުން ފާޑު ވެސް ކިޔަ އެވެ. ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި ބައެއް ފަހަރު އަޔާދު ސައިކަލަށް ދަނީ ވެސް އަމިއްލަ އަށް ސައިކަލްގަ އެވެ. ނަމަވެސް އެ ވާހަކަ ޕްރިންސިޕަލް ދޮގުކުރެއްވި އެވެ."މި ސްކޫލްގެ އެންމެ ކުއްޖަކު އަމިއްލަ އަށް ސައިކަލްގައި ސްކޫލަށް އަންނަނީ. އެއީ ލައިސަންސް އޮންނަ ކުއްޖެއް،" އާސިޔަތު ވިދާޅުވި އެވެ. "އަޔާދު ސައިކަލްގައި [އަމިއްލަ އަށް ދުއްވާފައި] ސްކޫލަށް އަންނަ ކަމެއް މިހާތަނަކަށް ނެތް ފާހަގަކުރެވިފައެއް. އެެހެންވެ އެއީ ރަނގަޅު ވާހަކައެއް ނޫން."އަޔާދު: އޭނާ މަރުވީ ބޮލަށް ލިބުނު ސީރިއަސް ގެއްލުންތަކުން އެއް ބަނޑު އެއްބަފާ ދެބެންގެ ތެރެއިން ދޮއްޓަށް ހުރި އަޔާދުގެ އާއިލާގެ އެންމެން ވެސް އޭނާ ދެކެ ވަރަށް ލޯބިވެ އެވެ. އަޔާދުގެ އާއިލާއާ ގުޅުން އޮންނަ މުހައްމަދު ޝަރީފް ބުނީ "އަޔާދަކީ އަބަދުވެސް އެންމެ ބަސް އަހާ، އެންމެން ލޯބިވާ ކުއްޖާ" ކަމަށެވެ.ޝަރީފް ބުނި ގޮތުގައި އަޔާދަކީ އެގޮތަށް ނުކުމެ ބާރު ސްޕީޑްގައި ސައިކަލް ދުއްވާ ކުއްޖެއް ވެސް ނޫނެވެ."ދެން އެ އުމުރުގެ ކުދިން އެކަހަލަ ކަންތައްތައް ވެސް ކުރަން ބޭނުން ވާނެ ދެއްތޯ؟ އޭނާއަކީ އާންމުކޮށް ސައިކަލްތަކަށް އަރައިގެން ބާރު ސްޕީޑްގައި ދުއްވާ ކުއްޖެއް ވެސް ނޫން. ކަމެއް ވާނީ ބުނެފައެެއް ނޫން ދެއްތޯ؟" ޝަރީފް ބުންޏެވެ. "އޭނާ އެކްސިޑެންޓްވި ހަބަރަކީ އާއިލާ އަށް ލިބުނު ވަރަށް ބޮޑު ޝޮކެއް. އޭނާ މަރުވެ ދިޔަ ހަނދާން ތާއަބަދަށް އާއިލާގެ ތެރޭގައި އޮންނާނެ. އެ ހަނދާނެއް ނުފިލާނެ."އިތުރު ފަރުވާ އަށް އަޔާދު މާލެ ފޮނުވޭތޯ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވަރަށް މަސައްކަތް ކުރި އެވެ. އެކަމަކު ހާލު ދެރަކަމުން އެ ފުރުސަތެއް ނުލިބުނެވެ.ޝަރީފް ބުނީ ހޮސްޕިޓަލުން އަޔާދަށް ދިން ފަރުވާ އަށް ޝުކުރު އަދާކުރާ ކަމަށެވެ."ހޮސްޕިޓަލުން ވަރަށް ރަނގަޅަށް ކަންތައްތައް ކުރީ. އަޅުގަނޑުމެން އެކަން ފާހަގަކުރަން،" އޭނާ ބުންޏެވެ. "ހޮސްޕިޓަލުން ފްލައިޓެއް ޗާޓަރުކޮށްގެން އަޔާދު މާލެ ގެންދަން ވަރަށް މަސައްކަތް ކުރި. އެކަމަކު އޭނާގެ ހާލު ދެރަކަމުން ފޮނުވާލެވޭ ގޮތް ނުވީ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ