ޖީއެމްއާރަށް ވިލާއެއާއިން އަންނަނީ ފައިސާ ދައްކަމުން: ގާސިމް

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގާ ޖީއެމްއާރަށް ވިލާ އެއާއިން ދައްކަން ޖެހޭ ފައިސާ ދައްކަމުން އަންނަ ކަމަށް ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ވިލާ އެއާ އަށް ދީފައިވާ ކްރެޑިޓް ފެސިލިޓީ ޖީއެމްއާރުން ހުއްޓާލުމަށް އޮގަސްޓް 27 ގައި ސިޓީ ފޮނުވުމާ ގުޅިގެން ވީޓީވީގައި ރޭ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ވިލާ އެއާއިން ޖީއެމްއާރަށް ހަތަރު މިލިއަނެއްހާ ރުފިޔާ ދައްކަން އެބަ އޮތް ކަމަށެވެ.
"ޖީއެމްއާރުން އަޅުގަނޑުމެންގެ ފްލައިޓެއް ނުހުއްޓުވާ. އެގޮތަށް އަޅުގަނޑުމެންނަށް އެކަންޏެއް ނޫން ކްރެޑިޓް ލައިނެއް ދީފައި އޮތީ ވެސް. އެ ސިޓީ ފޮނުވީމަ ހަތް ލައްކަ ރުފިޔާ ދައްކާފައިވާ ކަމަށް [ވިލާ އެއާގެ] މެނޭޖިން ޑިރެކްޓަރު ވިދާޅުވި،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖީއެމްއާރަށް ދައްކަން އޮތް ފައިސާގެ ބާކީ ބައި އަންނަ ހޯމަ ނުވަތަ އަންގާރަ ދުވަހު ދައްކަވާނެ ކަމަށެވެ.
"މިއީ ބަޔަކު ހައިރާންވެގެން، ކަންބޮޑުވެގެން އުޅޭވަރުގެ ކަމެއް ނޫން. އަޅުގަނޑުމެން އެކަމާ ދޮގެއް ނުހަދަން. ވިލާ އެއާއަށް އެކަންޏެއް ނޫން ޖީއެމްއާރުން ކްރެޑިޓް ފެސިލިޓީ ދެނީ. އެހެންވެސް އެއާލައިންތަކަށް ކްރެޑިޓް ދޭ އުސޫލުން ވިލާ އެއާއަށް ކްރެޑިޓް ދިނީ،" ގާސިމް ވިދާޅުވި އެވެ.
ވިލާއަށް ދޭ ކްރެޑިޓް ފެސިލިޓީ ހުއްޓާލާފައިވާ ކަމަށް ބުނެ ސިޓީއެއް ޖީއެމްއާރުން ފޮނުވާފައިވާކަން ޖީއެމްއާރުން ކަށަވަރުކޮށެއް ނުދެ އެވެ. ނަމަވެސް އެ ކުންފުނިން ފޮނުވި ސިޓީއެއްގެ ކޮޕީ ވަނީ ސޯޝަލް މީޑިއާގައި ފެތުރިފަ އެވެ.
އެ ސިޓީގައި، ކްރެޑިޓް ފެސިލިޓީގެ ދަށުން ޖީއެމްއާރުން ވިލާ އެއާގެ ފްލައިޓްތަކަށް ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް އޮގަސްޓް 28 ވަނަ ދުވަހުގެ 00: 00 ފެށިގެން ހުއްޓާލާނެ ކަމަށް ބުނެފައިވެ އެވެ. އަދި އޭގެ ފަހުން އެއްވެސް ހޚދުމަތެއް ދެވޭނީ ވަގުތުން ފައިސާ ދެއްކުމުން ކަމަށް ވެސް ޖީއެމްއާރުން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން ޖީއެމްއާރުން އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއްނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ