ރިޔާސީ އިންތިހާބަށް ނުކުންނަވާނެ ކަމުގެ އިޝާރާތެއް ރައީސް ވަހީދު ދެއްވައިފި

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ނުކުންނަވާނެ ކަމުގެ އިޝާރާތެއް ރައީސް މުހަންމަދު ވަހީދު މިރޭ ދެއްވައިފި އެވެ.
ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ރަނިންމޭޓެއްގެ ގޮތުގައި 2008 ގެ ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގެންނެވި ރައީސް ވަހީދު، ދިޓީވީން ދެއްކި ޕްރޮގްރާމެއްގައި ކުރި ސުވާލެއްގެ ޖަވާބުގައި، ވިދާޅުވީ "އަޅުގަނޑު މިހިރީ 2013 ގައި ވެސް މި ގައުމުގެ ލީޑަޝިޕްގައި އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭން ތައްޔާރަށް" ކަމަށެވެ.
"ދެން މިކަމުގައި ގޮތެއް ފެންނާނެ. ގޮތެއް ދައްކަވާނެ މާތް ﷲ. އެހެންވީމާ އަޅުގަނޑު މިހިރީ އެކަމަށް ތައްޔާރަށް،" ރައީސް ވިދާޅުވި އެވެ.
އެހެން އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަންނަވާނެތޯ ނުވަތަ އިންތިހާބުގައި ވާދަކުރެއްވުމަށް އެހެން ޕާޓީއެއްގެ ރިޔާސީ ޓިކެޓެއް ހޯއްދަވަފާނަންތޯ ޕްރޮގްރާމްގެ ޕްރެޒެންޓަރު މަސްއޫދު އަލީ ދެންނެވުމުން ރައީސް ވަހީދު ވިދާޅުވީ "އެއްވެސް ޕޮސިބިލިޓީއެއް އަޅުގަނޑު ދޫކޮށެއް ނުލަން" ކަމަށާއި "ހުރިހާ ޕޮސިބިލިޓީސް ވެސް އޮތީ ހަމަ ހުޅުވިފައި" ކަމަށެވެ.
"ދެން އެ ކަމުގައި ގައުމަށް އެންމެ ރަނގަޅު ގޮތެއް އަޅުގަނޑު ހިޔާރު ކުރާނީ،" ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ނުސީދާ ގޮތަކަށް ރައީސް ވަހީދު ދެއްވިއިރު އެ މަނިކުފާނު ޕީޕީއެމް އަށް ސޮއިކުރައްވާ ވާހަކަތަކެއްގެ އަޑު ވެސް ފެތުރިފައިވެ އެވެ. އަދި ގައުމުގެ މަސްލަހަތު އޮތީ 2013 ގެ ރިޔާސީ އިންތިހާބުގައި ސަރުކާރުގެ ކޯލިޝަން ޕާޓީތަކުން ރައީސް ވަހީދު ރިޔާސީ ކެންޑިޑޭޓަކަށް ނެރެގެން ކަމަށް ބައެއް ޕާޓީތަކުގެ އިސް ބޭފުޅުން ގެންދަވަނީ ފާޅުގައި ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ