ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ)ގެ ހިއްސާ ވިއްކުމާ ދެކޮޅަށް ވާހަކަ ދެއްކެވީ އެ ކުންފުނީގެ ހިއްސާ ބޭނުންފުޅު ވެގެން ނޫން ކަމަށާއި އައްޑު އާއި ގައުމަށް ހެޔޮ އެދިވަޑައިގަންނަވާތީ ކަމަށް ވިލާ ކުންފުނީގެ ވެރިޔާ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އޭއައިއޭގެ 30 ޕަސެންޓް ހިއްސާ 60 މިލިއަން ރުފިޔާ އަށް، މަޝްހޫރު ޗަމްޕާ ހުސައިން އަފީފްގެ ކާސާ ހޯލްޑިން އަށް ވިއްކާލި ފަހުން އެކަމާ ގުޅޭ ގޮތުން ގާސިމް ފުރަތަމަ ފަހަރަށް ވާހަކަ ދެއްކެވީ މިއަދު ރައްޔިތުންގެ މަޖިލީހުގަ އެވެ.
އޭއައިއޭގެ ހިއްސާ ވިއްކުމާ ދެކޮޅަށް ގާސިމް ވާހަކަ ދެއްކެވުމުން އޭނާ އަށް ބައެއް ބޭފުޅުން ފާޑުވިދާޅުވި އެވެ. އެކަމަށް ރައްދު ދެއްވުމުގެ ގޮތުން ގާސިމް ވިދާޅުވީ "ގާސިމް [ހިއްސާ] ބޭނުންވި ނަމަ އެކަމަށް ބިޑްކުރީމުސް" ކަމަށެވެ.
"އަޅުގަނޑު ބޭނުމީ މި ގައުމުގެ މަސްލަހަތަށް ބަލަން،" އޭއައިއޭގެ ހިއްސާ ވިއްކާލި މައްސަލައާ ގުޅިގެން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި އެވެ.
ގަން އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިލޭ ހިއްކައިދިނުމަށް ހުށަހެޅުއްވި ކަމަށާއި އެކަމަށް ހަތް މިލިއަން ޑޮލަރު ހަރަދުވާއިރު، އެފަދަ ހިލޭ އެހީއަކަށް ރިޔާއަތްނުކޮށް ހިއްސާ ވިއްކާލުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައްޑޫ އެއާޕޯޓް ތަރައްގީވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އޭއައިއޭގެ ހިއްސާ ވިއްކާލާފައިވަނީ ރަނގަޅަށް ނޫން ކަމަށާއި ހިއްސާ ދޫކޮށްލާފައިވާ ގޮތުން "ކަންކަން އެންމެ ރަނގަޅަށް ނުދާނެ" ކަމަށެވެ.
އޭއައިއޭގެ ހިއްސާ ވިއްކާލުމާ ގުޅޭ ގޮތުން ކުއްލި މައްސަލައެއް ހުށަހެޅުއްވީ އެ ހިއްސާ ވިއްކާލުމުގެ މުއާމަލާތްތައް ހިންގާފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ބުނެ އެވެ.
މިއަދުގެ ބަހުސްގައި ބައެއް މެމްބަރުން ވިދާޅުވީ އޭއައިއޭގެ ހިއްސާ، މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފަށް ވިއްކާލާފައިވަނީ ރަނގަޅު އުސޫލުން ކަމަށެވެ. ނަމަވެސް ބައެއް މެމްބަރުން ވިދާޅުވީ އެ ކަންކޮށްފައިވަނީ އަވަސް އަރުވާލައި، ވަކި ބަޔަކަށް މަންފާވާ ގޮތަށް ކަމަށެވެ.
މިއަދުގެ ބަހުސްގައި ވާހަކަ ދެއްކެވި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އޭއައިއޭ އިން ކުރާ މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެ ކުންފުނީގެ ހިއްސާ ވިއްކާލީ އެއާޕޯޓް ތަރައްގީކުރުމަށް ކަމަށާއި އައްޑު އަށް ހެޔޮއެދޭ ފަރާތްތަކުން އެކަމަށް އެހީތެރިވެދޭންޖެހޭ ކަމަށެވެ.
"މިހާރު ކުރާ މަސައްކަތަށް ހުރަސް އެޅުމަށް މަސައްކަތްކުރާނަމަ އެއީ އައްޑު އަށް ހެޔޮއެދޭ ބަޔަކަށް ނުވާނެ،" ހަސަން ލަތީފް ވިދާޅުވި އެވެ.
ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ވިދާޅުވީ އައްޑޫ އެއާޕޯޓް ތަރައްގީވުމަށް ދެކޮޅު ހައްދަވަން ބޭނުންނުވާ ކަމަށާއި ދެކޮޅު ހައްދަވަނީ ހިއްސާ ވިއްކާލާފައިވާ ގޮތުން ކަމަށެވެ. އެ ކުންފުނީގެ 30 ޕަސެންޓް ހިއްސާ 60 މިލިއަން ރުފިޔާ އަށް ވިއްކާލުމުގައި ހައްގު އަގެއް ނޫން ކަމަށާއި އެކަމަކީ "ދުވާލު ދަޅައިގައި ކޮށްފައިވާ ވައްކަމެއް" ކަމަށެވެ.
"ހިއްސާ ވިއްކާލާފައިވަނީ ނުއަގުގައި. ތަރައްގީކުރުމަށް ބޭނުންވާނެ ފައިސާ ހޯދާނެ ކިތަންމެ ގޮތެއް އޮއްވައި މިކަން މި ގޮތަށް ކުރީމަ އަޅުގަނޑުމެން މައްސަލައަކަށް ދެކެނީ،" އަލްހާން ވިދާޅުވި އެވެ.
އެމްޑީޕީގެ މެމްބަރުން ވެސް ވިދާޅުވީ އައްޑޫ އެއާޕޯޓް ތަރައްގީކުރުމަށް ދެކޮޅު ނުހައްދަވާ ކަމަށާއި ޕްރައިވެޓައިޒްކުރުމަކީ އެ ޕާޓީން ތާއީދުކުރާ ކަމެއް ކަމަށެވެ. އަދި ގަން އެއާޕޯޓް ތަރައްގީކުރުމުގެ ޕްލޭނަކީ ވެސް އެ ޕާޓީގެ ޕްލޭނެއް ކަމަށެވެ. ނަމަވެސް ކަންބޮޑުވެވަޑައިގަންނަވަނީ ހިއްސާ ވިއްކުމުގެ ބީލަން ގޮސްފައިވާ ގޮތުން ކަމަށް އެ ބޭފުޅުން ވެސް ވިދާޅުވި އެވެ.
ގަން އެއާޕޯޓްގެ ވާހަކަ ދެއްކީ ހިއްސާ ބޭނުންވެގެނެއް ނޫން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ