ނޮވެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޕާޓީތަކަށް ވަގުތު ދިނުމަށްޓަކައި އަންނަ ހަފުތާގައި ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ނުބާއްވަން ނިންމައިފި އެވެ.
ބުދަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާ ނިންމާލަމުން ރިޔާސަތުން އަބްދުﷲ ޝާހިދު ވިދާޅުވީ އަންނަ ހަފްތާގައި މަޖިލީހުގެ ޖަލްސާ ނުބާއްވަން ނިންމީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ. ދެން ޖަލްސާއެއް އޮންނާނެ ދުވަހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އަންނަ ހަފުތާގައި ޖަލްސާތައް ނުބާއްވަން ނިންމީ ނޮވެމްބަރު 9 ގައި އިންތިހާބު އޮންނާނެތީ ކަމަށެވެ.
ރިޔާސީ އިންތިހާބުގައިވާ ތިން ކެންޑިޑޭޓުންގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނަކީ މަޖިލިހުގެ މެމްބަރުންނެވެ.
އެ ދެ ބޭފުޅުންގެ އިތުރުން ދެން އިންތިހާބުގައި ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ސެޕްޓެމްބަރު 7 ގައި ބޭއްވި އިންތިހާބުގައި ރައީސް މުހައްމަދު ވަހީދު ވާދަކުރެއްވި ނަމަވެސް، އެ އިންތިހާބު ސުޕްރީމް ކޯޓުން ބާތިލުކުރުމުން ރައީސް ވަހީދު ވަނީ އިންތިހާބުގައި އަލުން ވާދަނުކުރައްވަން ނިންމަވައި ނަންފުޅު އަނބުރާ ގެންދަވައިފަ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ