ކެރެންޏާ ސަރުކާރުގެ ސައްހަކަން ކަނޑައަޅަން ފެންނަ ނުފެންނަ ވޯޓަކަށް ދޭބަލަ: ގާސިމް

މި ސަރުކާރުގެ ގާނޫނީ ސައްހަ ކަމެއް އޮތްތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ރައީސް އަބްދުﷲ ޔާމީނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މި ރޭ ގޮވާލައްވައިފި އެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެންނަން މަސައްކަތްކުރި ހުރިހާ ލީޑަރުން ތިބީ މިއަދު އެ މަނިކުފާނާ ދެކޮޅަށް ކަމަށާއި މި ސަރުކާރުގެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށެވެ. ހުރިހާ ލީޑަރުން ރައީސް ޔާމީނާ ދެކޮޅަށް ތިއްބެވި އިރު ވެރިކަމުގައި ދެމިހުންނަވަން ރައީސް ޔާމީން ލަދުފުޅު ގަންނަންޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ދަންވަންތޯ؟ ހަޔާތުގެ ކުނޑިފުކެއް ވެސް ހުރި އިންސާނަކު ނުހުންނާނެ އިނގޭތޯ،" ރައީސް ޔާމީނަށް ނިސްބަތް ކުރައްވައި ގާސިމް ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާ ނަމަ ސަރުކާރުގެ ސައްހަ ކަން ކަނޑައަޅަން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގާސިމް ގޮވާލެއްވި އެވެ. އެ ބާރު ރައީސް ޔާމީނަށް ގާނޫނު އަސާސީން އެބައޮތް ކަމަށާއި އެ މަނިކުފާނު ވެރިކަމުގައި ހުންނަވައިގެން ވިޔަސް އެފަދަ ވޯޓަކަށް ދާން ގާސިމް ގޮވައިލެއްވި އެވެ.
"ގާނޫނު އަސާސީގައި ވެސް އެބައޮތް، ރައްޔިތުންގެ މަޖިލީހުގައި ވެސް މަނިކުފާނަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅުން ލައްވައި ވެސް ވޯޓެއް ނެގިދާނެ. އަޅެ އެކަން ކޮށްލަދެއްވަ ބައްލަވާ. އަޅުގަނޑު ބަލައިލާނަން މަނިކުފާނަށް ވެރިކަން ކުރެއްވުމުގެ ބާރު އޮތްތޯ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ސަރުކާރާ ދެކޮޅަށް އެއްޗެއް ބުނެލާ އިރަށް ފުލުހަށް ހާޒިރުކޮށް، އެކި ގޮތްގޮތުން ބިރު ދެއްކިޔަސް އޭނާ ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށާއި އޭނާ ހުންނަވާނީ ސާބިތުކަމާ އެކު ކަމަށެވެ. އޭނާ ފަދަ އުމުރުން ދުވަސްވެފައި ހުރި މީހަކު ސިޔާސީ ބޭނުމެއްގައި ޖަލަށް ލާން ލަދު ގަންނަން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ބާރުގެ ބޭނުންކޮށްގެން މަރާލިޔަސް ހުންނަވާނީ ސާބިތުކަމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ހުރި އެއްޗެއް ވިއްޔާ ނެގިދާނެ. ނަންގަވާ ނަންގަވާ. ހުސްވަންދެން ވެސް ނަންގަވާ. ހުންނާނީ ފެންނަ ގޮތަށް ދިވެހި ރައްޔިތުންނަށް ފެންނަ ގޮތަށް. އަވަހަށް ނަންގަވާ، އަވަސް ކުރައްވާ. އެވަރުން ވެސް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާތޯ ބައްލަވާ އަޅުގަނޑު ޖަލަށް ނުގެންގޮސް،" ގާސިމް ވިދާޅުވި އެވެ.
"މަރާލައްވާ އިނގޭތޯ. މަނިކުފާނަށް ކުރެވިދާނެ އޭކޭ 47 ގެނެސް މަގޭ ގަޔަށް ޖެހިދާނެ. މި އަޒުމެއް ނުގުޑާނެ،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ