މި ފަހަރުގެ ކައުންސިލް އިންތިހާބުގައި ވޯޓު ލީ މީހުންގެ އަދަދު މަދުވި ސަބަބުތަކުގެ ތެރޭގައި ލާމަރުކަޒީ ނިޒާމާ މެދު ރައްޔިތުން އުންމީދުކުރި ވަރަށް ނަތީޖާ ނެރެދެވިފައި ނުވުން ހިމެނޭ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.
އެލްޖީއޭ އިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ޑިރެކްޓަ ޖެނެރަލް ޝަމްއޫން އާދަމް ވިދާޅުވީ މީގެ ތިން އަހަރު ކުރިން ލާމަރުކަޒީ ނިޒާމު ވުޖޫދަށް ގެނައީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދަކާ އެކުގައި ކަމަށެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހުރެ ނިމިގެންދިޔަ ދައުރުގައި ކައުންސިލްތަކަށް ނަތީޖާ ނެރެދެވިފައި ނުވާތީ ނިޒާމާ މެދު ރައްޔިތުންގެ އިތުބާރު ކުޑަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުން ވަރަށް އުންމީދާ އެކު ގެނައި ނިޒާމެއް މިއީ، އަޅުގަނޑުމެން އެންމެން ވެސް. އެކަމަކު ރައްޔިތުން އެކްސްޕެކްޓްކުރި މިންވަރަކަށް ނަތީޖާއެއް ފޯރުކޮށްނުދެވުނު. އެއީ ހަގީގަތަކީ،" ޝަމްއޫން ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމު ނަގަހައްޓާ ދެމެހެއްޓުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވާ އެލްޖީއޭ އިން މިހެން ބުނެފައި މި ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާފައިވާ މީހުންގެ އަދަދު 50 ޕަސެންޓަށް ވެސް ނާރާނެ ކަމަށް ބެލެވިފައި ވަނިކޮށެވެ.
ޝަމްއޫން ވިދާޅުވީ މީގެ އިތުރުން ރަށުން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް އެ ރަށެއްގެ ކައުންސިލް ހޮވުމަށް ވޯޓުލާންޖެހުމަކީ ވެސް ވޯޓު ލީ މީހުންގެ އަދަދު މަދުވި ސަބަބެއް ކަމަށެވެ.
"މިސާލަކަށް ބަލަމާ ހިނގާ، އެހެން ރަށަކަށް ރަޖިސްޓްރީވެފައި ހުރި ބޭފުޅަކު މި އުޅުއްވަނީ މާލޭގައި ވިހި އަހަރު ވަންދެން. އޭނާ ލިބޭ ހުރިހާ ހިދުމަތްތަކެއް މި ލިބެނީ މާލެ އިން. އޭނާ ޕްލޭނެއް ހެދިޔަސް އިމްޕުޓެއް މިދެވެނީ ވެސް މާލެ އިން. އެހެން ނަމަވެސް އޭނާ ކައުސިލަށް ވޯޓުލާން މި ޖެހެނީ މިސާލަކަށް އޭނާ ރަޖިސްޓާޑްވެފައި ހުރި ރަށުގެ ކައުންސިލަރުން ހޮވަން. އެހެންވީމާ އޭނާގެ ނެޗަރަލީ ނެތް އެހާވަރުގެ އިންޓަރެސްޓެއް އެކަން ކުރުމުގެ،" ޝަމްއޫން ވިދާޅުވި އެވެ.
އެ މީހަކު ދިރިއުޅޭ ތަނެއްގައި ވޯޓުލާ ގޮތަށް ހެދުމަށް ލާމަރުކަޒީ ނިޒާމު ފުރަތަމަ އެކުލަވައިލި އިރު މަޖިލީހުގައި ވާހަކަ ދެއްކި ނަމަވެސް ގާނޫނު ފާސްވެގެން ދިޔައީ ކޮންމެ ތަނެއްގައި ދިރިއުޅުނަސް ރަޖިސްޓްރީވެފައިވާ ރަށުގެ ކައުންސިލް ހޮވުމަށް ވޯޓުލުމުގެ ފުރުސަތު ލިބޭ ގޮތަށެވެ. އިލެކްޝަންސް ކޮމިޝަނުން ވެސް ބުނެފައި ވަނީ މި އުސޫލުގެ ސަބަބުން ހަރަދުތައް ބޮޑުވެ އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ.
ޝަމްއޫން ވިދާޅުވީ މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓު ލީ މީހުންގެ އަދަދު މަދުވުމުގެ އިތުރު ސަބަބުތަކުގެ ތެރޭގައި ރިޔާސީ އިންތިހާބު ދިގު ދެމިގެން ދިއުން ވެސް ހިމެނޭ ކަމަށެވެ.
"ރިޔާސީ އިންތިހާބު ލަސްވެގެން ގޮސް މި ވޯޓުގެ ތެރޭގައި އަޅުގަނޑުމެންނަށް އުޅެވިއްޖެ ވަރަށް ގިނަ ފަހަރު. އެހެންވީމާ ނެޗުރަލީ އަޅުގަނޑުމެންނަށް ބައެއް ފަހަރު ވާ ކަމެއް، އެއްކަލަ މާ ގިނައިން އެއް ޕްރޮސެސެއްގައި އުޅުނީމަ ފޫހިވާ ގޮތްވެ އެ ކަހަލަ ކަންތައްތައް ވެސް ހިނގައިދާނެ. އެހެންވީމާ ވިދިވިދިގެން މި ކަހަލަ އިންތިހާބުތަކެއް އައިމަ ފަހަރެއްގަ ވެދާނެ އެ އިންޓަރެސްޓް ކުޑަވީ ކަމަށް ވެސް،" ޝައްމޫން ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމާ މެދު ރައްޔިތުން އުންމީދުކުރި ވަރަށް ނަތީޖާއެއް ނުނެރެވޭ: އެލްޖީއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ