މުންޑޫ އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާ ހަވާލު ކޮށްފި

ލ. މުންޑޫ ކައުންސިލުގެ ބެލުމުގެ ދަށުން ހިންގަމުން އައި ރައްޔިތުންގެ އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.އެ ރަށުގެ އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް އާއި ޑިރެކްޓަރު މަރިޔަމް ޝުހުލާ އެވެ. މުންޑޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލަރު އާދަމަ އާފިސް އާއި ޒިންމާދާރުވެރިޔާ އަލީ ޝަފީއު އެވެ. ފެނަކަ އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި ނިމާލް ވިދާޅުވީ އެ ކުންފުނިން މުންޑޫގެ އިންޖީނުގެއާ ހަވާލުވި ނަމަވެސް ރައްޔިތުން ދައްކަން ޖެހޭ ފައިސާގެ އަދަދަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އެގޮތުން ބިލް ކުރާނީ އެ ސަރަހައްދަށް މިހާރު ވެސް ކަނޑައަޅާފައިވާ ޓެރިފް ރޭޓަށް ކަމަށް އޭނާ ވިދާޅުވި އެވެ. "މުންޑޫ އަކީ އާބާދީ ކިތަންމެ ކުޑަ ރަށެއް ނަމަވެސް އަޅުގަނޑުމެން އެންމެ ފުރިހަމައަށް ހިދުމަތް ފޯރުކޮށްދޭނަން. އަދި މުންޑޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ވެސް ހޯދައިދޭނަން" އޭނާ ވިދާޅުވި އެވެ. މުންޑޫގެ ކައުންސިލުން މިހާރު އެ ރަށުގެ އިންޖީނުގެ ބަލަހައްޓާއިރު އިންޖީނުގޭގެ އިދާރީ މަސައްކަތް ކުރަނީ ރަށު ކައުންސިލްގެ އޮފީހުގައި އެވެ. އަދި ފެނަކައިން އެ އިންޖީނުގެއާ ހަވާލުވުމުން އިދާރީ މަސައްކަތް ކުރުމަށް އެ ރަށުގެ ޕްރީ ސްކޫލް ވަގުތީ ގޮތުން ލިބިފައިވާ ކަމަށް ނިމާލް ވިދާޅުވި އެވެ. މުންޑޫ އިންޖީނުގޭގައި ތިން ޖެނެރޭޓަރު މިހާރު ހުންނައިރު، މަސައްކަތް ކުރަނީ ދެ ޖެނަރޭޓަރެވެ. އާބާދީގައި 380 މީހުން އުޅޭއިރު، އެ ރަށަށް މަހެއްގެ މައްޗަށް 3600 ލީޓަރުގެ ތެޔޮ އަނދަ އެވެ. އަދި ފިއުލް ޓޭންކުގެ ކެޕޭސިޓީއަކީ 5000 ލީޓަރެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ