މިނިވަން ދުވަހު 15 ދިވެހިން ވައިކުޑައިގައި ފުންމާލާނެ: އުމަރު

ރާއްޖޭގެ 50 ވަނަ މިނިވަން ދުވަސް ފާހަގަކުރަން ބާއްވާ ހަރަކާތުގެ ތެރޭގައި، 15 ދިވެއްސަކު ވައިކުޑައިގައި ފުންމާލުމުގެ ހަރަކާތެއް މާލޭގައި އޮންނާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. ޓްރާންސް މޯލްޑިވްސް އެއާވޭޒް (ޓީއެމްއޭ)ގެ ހުރިހާ ބޯޓުތަކުގައި މިނިވަން ފަންސާހުގެ ލޯގޯ ބޭނުންކުރަން ފެށުން އިފްތިތާހު ކުރަން ހަވީރު ބޭއްވި ރަސްމިޔާތުގައި އުމަރު ވިދާޅުވީ ސްކައި ޑައިވިން ނުވަތަ ވައިކުޑައިގައި ފުންމާލުމުގެ ހަރަކާތް އޮންނާނީ މިނިވަން ދުވަހު ހަވީރު ގަލޮޅު ދަނޑުގައި ކަމަށެވެ. "ދިވެހި ދިދައިގެ ގޮތުގައި ޑިޒައިން ކުރެވިފައި ހުރި ވައިކުޑަތަކެއްގައި 15 ދިވެހި ޒުވާނުން އިރާދަކުރެއްވިއްޔާ ގަލޮޅު ދަނޑަށް ފައިބާނެ. މިއީ ފުރަތަމަ ފަހަރު ދިވެހިން ވައިކުޑައިގައި ފައިބާ،" އުމަރު ވިދާޅުވި އެވެ. ވައިކުޑައިގައި ފުންމާލާ މީހުންނަށް ބޭނުންވާ އެހީތެރިކަމާއި ތަމްރީން ދިނުމަށް މަތިންދާބޯޓުގެ އެހީތެރިކަން ދިނުމަށް ސިފައިންގެ ކިބައިން އެދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.އޭގެ އިތުރުން އެ ހަރަކާތުގައްޔާއި މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ޓީއެމްއޭ އިން އެހީތެރިކަން ދިނުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ. މި ރަސްމިޔާތުގައި އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ޓީއެމްއޭގެ ބޯޓުތަކުގެ އިތުރުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ގިނަ ބޯޓުތަކެއްގައި ވެސް މިނިވަން ފަންސާހުގެ ލޯގޯ ޖަހަން ފަށާފައިވާ ކަމަށެވެ. ޓީއެމްއޭ ބޯޓުތަކުގައި "މިނިވަން 50" ލޯގޯ ޖަހަން ފެށުން ފާހަަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އުމަރު ނަސީރާއި މުހައްދު ސައީދު ބައިވެރިވެވަޑައިގަންނަވަނީ --ހަވީރު ފޮޓޯ:ނިޝާން އަލީ "ދުނިޔޭގެ އެންމެ ރީތި ގޮނޑުދޮށްތަކަށް ފަތުރުވެރިން އުފުލައިދޭ ބޯޓުތަކުގައި އަޅުގަނޑުމެން އެކަމަކަށްޓަކައި އެންމެ ފަހުރުވެރިވާ މިނިވަންކަން ރަމްޒުކޮށްދޭ ލޯގޯ ޖެހިގެންދާ ކަމީ މި ކުލަގަދަ ހަރަކާތްތައް ބޭއްވެމުންދާ އަހަރު ކުރެވޭ މުހިންމު މަސައްކަތެއް،" ސައީދު ވިދާޅުވި އެވެ. "މިނިވަން 50" ފާހަގަކުރަން ގިނަ ހަރަކާތްތަކެއް މި އަހަރުގެ މިހާތަނަށް ބާއްވާފައިވާ އިރު ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކުލަގަދަ އެތައް ކަމެއް ރާވައިފައިވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ