މައުމޫން މަސައްކަތްކުރައްވަމުން ގެންދަވަނީ ޑިމޮކްރަސީގެ ރީތި ސިފަތަކާ އެއްގޮތަށް ނޫން - ޝައިނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ ޑިމޮކްރަސީގެ ރީތި ސިފަތަކާ އެއްގޮތަށް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވިއެވެ.
ޝައިނީ މިހެން ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ސަރުކާރުން ހުޅުވައިލި މަޝްވަރާގެ ފުރުސަތުގެ ބޭނުން ހިފުމަށް ގޮވާލައި ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ.
ޝައިނީ ވިދާޅުވީ، ހުރިހާ އިދިކޮޅު ފަރާތްތަކުން ސޮއިކޮށްފައިވާ ކަރުދާސް ކޮޅެއްގެ ވާހަކަ އެއްވެސް ހަގީގަތެއް ބެލުމެއް ނެތި ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން ދައްކަމުންދާ ކަމަށެވެ.
"ހުރިހާ ބޭފުޅުންނަށްވެސް އެނގިލައްވާނެ މި ތިން ކޯޓުގެ މަރުހަލާއިން ރައީސް މައުމޫންގެ ފަރާތުން ޕާޓީ ހިންގުމަށް ހުރި ބާރުތައް ވަނީ ނަގާފަ. އެއީ ޑިމޮކްރޮސީގެ އުސޫލާ އެއްގޮތަށް އަދި ޕީޕީއެމްގެ ޗާޓަރާ ހިލާފްވެ ވަޑައިގެންފައިވާކަމަށް ކޯޓުތަކުން ވަނީ ހުކުމް ކަނޑައަޅުއްވާފަ. އެހެން ހުރި ދަނޑިވަޅެއްގައި ހުދުމުހުތާރުކޮށް އަމިއްލައަށް ކަންތައްތަކެއް ނިންމައި. އަމިއްލައަށް ކައުންސިލެއް ހަދައި، އެޑްވައިޒަރީ ކޮމިޓީއެއް ހައްދަވައިގެން ކަންތައް ކުރުމަކީ ޑިމޮކްރެސީގެ ރީތި ސިފައެއް ނޫން". ޝައިނީ ވިދާޅުވިއެވެ.
ޝައިނީ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ ވޯޓުގެ ކަންކަން ދިޔައީ އުސޫލްތަކުން ބޭރުން ކަމަށް ބުނެ  ވާހަކަތައްދައްކަވާ ފަރާތްތަކުން ރާއްޖޭގެ ގާނޫނާއި ގަވާއިދުތައް އޮތް ގޮތް ބަލާލަން ޖެހޭކަމަށެވެ.
"މިކަމުގެ ތެރޭގަ ސަރުކާރަށް މި ގާނޫނާއި ހިލާފަށް ބޭރުން ބައެއް ކަންތައްތަކެއް ހިނގާކަމަށް ބައެއް ބޭރުގަ ފަރާތްތަކުން ވާހަކަދެއްކީމަ، އަޅުގަނޑުމެން އެކަން ބަލައިލަން މަޖުބޫރުވޭ. މަޖިލީސްގެ ގަވާއިދުގެ 165 ވަނަ މާއްދާގެ އެހެން އެއްވެސް މާއްދާއަކަށް ރިއާޔަތް ނުކޮށް ކަނޑައެޅިގެން ރޯލްކޯލް ވޯޓަކަށް ދެވޭނެކަމަށް އެބަ އޮތް ކަނޑައެޅިފަ. އަދި މި ވޯޓުގެ ރޯލް ކޯލް ވޯޓަކީ ޓްރާންސްޕޭރަންސީ ގޮތަށް ބަލާއިރު، އެންމެ ޓްރާންސްޕޭރެންޓްކޮށް ހުޅުވާލެވިފައި އޮންނަ ގޮތަކަށް ނެގޭ ވޯޓެއް. އެހެންވީމަ އެއީ ޑިމޮކްރޮސީގެ އަސްލަކާއި، އަދި ޑިމޮކްރެސީ ނެތިގެންދާނެކަމެއް ކަމަށް ގަބޫލު ކުރާ ފަރާތްތަކުން އެ ގަބޫލުކުރާ އެއްޗެއް އަޅުގަނޑުމެންނަކަށް ނޭގެ". ޝައިނީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ