ގާސިމް ކޯޓަށް ހާޒިރުކޮށްފި، ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައި
ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ. ގާސިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް އެ މަނިކުފާނު ކޯޓަށް ހާޒިރު ކުރާނީ 3:45 އެހާކަންހާއިރު އެވެ. އެމަނިކުފާނު ކޯޓަށް ހާޒިރު ކުރުމުން އެ ސަރަހައްދަށް މީހުން އެއްވެދާނެތީ، ކްރިމިނަލް ކޯޓު ހިމެނޭ ސަރަހައްދުގެ މަގުތައް ފުލުހުން ވަނީ ބަންދުކޮށް، ފޯރިމަރަން ފަށާފަ އެވެ. ގާސިމް ހައްޔަރު ކުރުމާ ގުޅިގެން އެމްޑީޕީ އާއި ޖޭޕީން ނިންމާފައި ވަނީ ސީދާ ހަރަކާތަށް ނުކުތުމަށެވެ. އެގޮތުން ރޭ ވަނީ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކޫނޫޒަށް އެއްވެ، ސަރުކާރާ ދެކޮޅަށް އަޑު އުފުލާފަ އެވެ. އެއްވި މީހުންނަށް ކުރިއަށް ނުދެވޭނެ ގޮތަށް ފުލުހުން ރޭ ވަނީ ހުރަސް އަޅާފަ އެވެ. ގާސިމް އިބްރާހިމް ހައްޔަރުކޮށްފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު އިތުބާރު ނެތްކަމަށް ހުށަހެޅުނު މައްސަލާގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްގެ މައްޗަށް ނެގުމަށް އުޅޭ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ. ދޫނިދޫގައި ބަންދުކޮށްފައި ހުންނެވި ގާސިމް ކޯޓަށް ހާޒިރު ކުރުމުން، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުމާއި ގާނޫނާ ހިލާފަށް ސަރުކާރު ބަދަލުކުރުމަށް ހިތްވަރު ލިބޭފަދަ އަމަލުތަކެއް ކުރި ކަމުގެ ތުހުމަތު ވެސް ގާސިމްގެ މައްޗަށް ވަނީ ކޮށްފަ އެވެ. ގާސިމް މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭތީ، ގާސިމް ހައްޔަރު ކުރީ ރޭ އިރާކޮޅު އަށެއް ޖަހަން އުޅެނިކޮށެވެ. ގާސިމް ހައްޔަރުކޮށްގެން ގެންދިޔައީ ފުލުހުންގެ ތަހުގީގީ ޖަލު ދޫނިދޫއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ