ބޮޑެތި ތުހުމަތުތަކެއް ކުރައްވައި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓަށް ނަޝީދު ފާޑުވިދާޅުވެއްޖެ

ބޮޑެތި ތުހުމަތުތަކެއް ކުރައްވައި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒަށާއި ސުޕްރީމް ކޯޓަށާއި އެހެނިހެން ފަނޑިޔާރުންނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
"އަޅުގަނޑު ހިތާމައަކާ އެކު ދަންނަވާނީ ރާއްޖޭގެ ސުޕްރީމް ކޯޓާއި އުއްތަމަ ފަނޑިޔާރު ކީއްތޯއޭ ތިޔަ ކުރައްވަނީ. މި ރާއްޖޭގެ އިންސާފު ގެއްލިގެންދާކަން އުއްތަމަ ފަނޑިޔާރަށް އެނގިވަޑައިގަންނަވާނެ ވަރަށް ރަނގަޅަށް. މިދިޔަ ހަފުތާގެ ތެރޭގައި ވެސް އެ ބޭފުޅާ އިންނެވީ ރައީސުލް ޖުމްހޫރިއްޔާ [މުހައްމަދު ވަހީދާ] އެކު، ޝަރީއަތް ނިންމާނެ ގޮތަކާ ދޭތެރޭ މަޝްވަރާކުރަން،" މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ކަންމަތީ ބައްދަލުވުމުގައި ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ޝަރީއަތްތައް ކުރިއަށް ގެންދަން ޖެހޭ އުސޫލަކީ "އެއީ ނޫން" ކަމަށެވެ. ޝަރީއަތްތަކަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރައްވަމުން ނަޝީދު ވިދާޅުވީ، އުއްތަމަ ފަނޑިޔާރެއްގެ ގޮތުގައި އަހުމަދު ފާއިޒުގެ ނަން އެމްޑީޕީގެ ސަރުކާރުގައި ހުށަހެޅުއްވި ނަމަވެސް ދުވަހަކު ވެސް ފޯނުން ގުޅުއްވާފައި ނުވާނެ ކަމަށެވެ.
"މިއަދު އެ ބޭފުޅާ [އުއްތަމަ ފަނޑިޔާރު] އެ އިންނަވަނީ ވަޒީރު ބޭފުޅުންނާ އެކުގައި ޝަރީއަތް ނިންމާނެ ގޮތުގެ މަޝްވަރާކުރައްވަން. ކިޔަވާ ވިދާޅުވީ ސަލަފިއްޔާ އިން. [ހޯމް މިނިސްޓަރު] ޖަމީލާއި [ރައީސް ވަހީދުގެ ޕޮލިޓިކަލް އެޑްވައިޒަރު ހަސަން ސައީދު] ހަސަން ސައީދު އާއި އެ ބޭފުޅުން ކިޔަވާ ވިދާޅުވި ކަމަށް ވިދާޅުވާ މަކްތަބަކުން،" ޝަރުއީ ދާއިރާ އާއި އުއްތަމަ ފަނޑިޔާރަށް ފާޑުވިދާޅުވެ ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އުއްތަމަ ފަނޑިޔާރު ކޮންމެ ފަދަ ހުކުމެއް އިއްވެވި ނަމަވެސް، ޝަރީއަތްތަކާ ގުޅޭގޮތުން "އުއްތަމަ ފަނޑިޔާރު ރައީސާއި ވަޒީރުންނާ މަޝްވަރާކުރެއްވި ވާހަކަ" ހުއްޓަވާ ނުލައްވާނެ ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުން އެމަނިކުފާނާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައްކުރެއްވި ނަމަވެސް ޖެހިލުންވެވަޑައިނުގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއް ހުއްޓިފައި ވަނީ ސުޕްރީމް ކޯޓާ ހިސާބުންނެވެ. ރައްޔިތުންގެ މަޖިލީހުން ޕާޓީތައް އުވާލާފައިވާއިރު މާދަމާ އެ ނޫންގޮތަކަށް ބަދަލުކުރަން ސުޕްރީމް ކޯޓުން އަމުރެއް ނެރެފާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުން ނިންމަވާފައި އޮތީ ވޯޓު ނަގާނީ ސިއްރުންނޭ. ކީއްވެގެންތޯ ސުޕްރީމް ކޯޓުން އެ މައްސަލަ ބާއްވަވައިގެން އެ އުޅުއްވަނީ. ކޮންމެ ވެސް އެއްގޮތަކަށް ނިންމަވަންވީ ނޫންތޯ، ސިއްރުންތޯ ނުވަތަ ނޫންތޯ. ސިއްރުން ނޫން ކަމަށްވިއްޔާ އެ ބޭފުޅުން [މަޖިލީސް މެމްބަރުން] އަތް ހިއްލާފައި ވެސް [ހޯމް މިނިސްޓަރު] ޖަމީލް ބޭރުކުރާނެ އިނގޭތޯ،" ނަޝީދު ވިދާޅުވި އެވެ.
ވޯޓު ސިއްރުން ކުރިއަށް ގެންދަން ބާރުއެޅުއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"[ވޯޓު ސިއްރުކުރުމާއި ނުކުރުމުގެ] އެ މައްސަލަ ހިފަހައްޓައިގެން ސުޕްރީމް ކޯޓާއި އުއްތަމަ ފަނޑިޔާރު އެ ތިއްބަނީ ކޮން ސިޔާސީ ބޭނުމެއްގައިތޯ. އެ ބޭފުޅުންނަށް ޖެހޭނީ އެ މައްސަލަ އަވަހަށް ނިންމަން. ރައްޔިތުންގެ މަޖިލީސް ހައިޖެކްކޮށްގެން އެ ބޭފުޅުންނަކަށް ނުތިއްބެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
ސްޕުރީމް ކޯޓާއި ހުޅުމާލޭ ކޯޓު ނުވަތަ އެހެން ކޯޓެއް ނަމަވެސް ކެރޭނަމަ އެމަނިކުފާނަށް ހުކުމް އިއްވެވުމަށް ނަޝީދު އެދިވަޑައިގެންނެވި އެވެ. އިންސާފު ލިބޭނެ ކަމަކަށް ރާއްޖޭގެ ކޯޓެއްގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމާއި ކޯޓުތަކާއި ފަނޑިޔާރުންގެ "ހުރިހާ ކަމެއް މާބޮޑަށް ފާޅުވެއްޖެ" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މާބޮޑަށް އެނގި ފާޅުވެއްޖެ، ޖަމީލާއި ހަސަން ސައީދު އަރިހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތިއްބަވައިގެން ޝަރިއަތްތަކާ ގުޅޭގޮތުން ގޮތްތައް ނިންމަވަނީ،" ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް މާބޮޑަށް ސާފުވެއްޖެ، މި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހުރިހާ ކަމެއް ނާޖާއިޒު ގޮތެއްގައި ކުރިއަށް ގެންދަނީ. އަޅުގަނޑަށް މިކަން ބޮޑަށް އެނގިގެން މި އަންނަނީ އަޅުގަނޑު ވެސް އޮންނާނެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައި. އެ ބޭފުޅުން ހީފުޅުކުރެއްވީ ކަންނޭނގެ އަޅުގަނޑު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައި އޮތީމާ އަޅުގަނޑު ބޭނުންވާ ގޮތަށް ހުކުމް ހޯދަން ވާހަކަ ނުދައްކައި ހުރެދާނެ ކަމަކަށް، ހަމަ ހިލާ އެހެނެއް ނުވާނެ."
ނަޝީދު ވިދާޅުވީ އެމްޑީޕީން ކާމިޔާބު ހޯދާނީ "ރޭޒަރު ތިލައިގެ މިޔަމަތިން" ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ ރާއްޖެ ތަރައްގީކުރަން ބަލާއިރު އަބަދުވެސް ދެބަސްވާން ޖެހޭނީ "މައުމޫނިޒަމްގެ ބޯދާ ވިސްނުމަށް" ކަމަށެވެ. މައުމޫންގެ ވެރިކަމުގައި ރައްޔިތުންނަށް ހައްގު މިންވަރާ ގާތަށް ވެސް ކަންކަން ނުކުރެވޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާކުރުމަށް ތައާރަފްކުރި އާސަންދަ މި ސަރުކާރުން ވަނީ "ބައިސަންދަ"އަށް ހަދާފައި ކަމަށެވެ. ވައުދާއި ހިނގުމުގައި އެމަނިކުފާނު ވަޑައިގެންނެވި ގެތަކުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެކަށީގެންވާ ގޮތެއްގައި ސިއްހީ ފަރުވާގެ ނިޒާމް ކުރިއަށް ނުގެންދެވޭ ކަމުގެ ޝަކުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ނޮވެމްބަރު މަހުގެ 11 ގައި އެމަނިކުފާނު ރާއްޖޭގެ ވެރިކަމުގެ ހުވާކުރައްވައި، އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކުރައްވާނީ އާސަންދަ އޭގެ ހެޔޮގޮތުގައި ރައްޔިތުންނާ ހަމައަށް ގެނެސްދެއްވުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އެންމެ މުހިއްމު ކަމަކީ ސިއްހީ ފަރުވާގެ ނިޒާމާއި އިޖުތިމާއީ ރައްކާތެރިކަމުގެ އިތުރުން އިންސާފު ލިބުމެވެ. އެމްޑީޕީގެ ވެރިކަމެއްގައި، ޕެންޝަން ފަންޑު ހިންގާ ގޮތް ވެސް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އެ ފަންޑަށް ޖަމާކުރަނީ މުވައްޒަފުންގެ މުސާރަ އިން ކަނޑާ ހަތް ޕަސެންޓާއި ވަޒީފާ ދޭ ފަރާތްތަކުން ފަންޑަށް ދޭ ހަތް ޕަސެންޓެވެ. ނަޝީދު ވިދާޅުވީ އެ ފަންޑު ސޯޝަލް އެންޑް ވެލްފެއާ ފަންޑަކަށް އެމްޑީޕީގެ ވެރިކަމުގައި ބަދަލުކޮށް، ވަޒީފާ ދޭ ފަރާތްތަކުން އިތުރު ފަސް ޕަސެންޓް ފަންޑަށްލާގޮތަށް ހަމަޖައްސައި، ސަރުކާރުން ވެސް ހަތް ޕަސެންޓް ފަންޑަށް ޖަމާކުރާނެ ކަމަށެވެ. އެއީ ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ ހެޔޮ ބަދަލެއްގެ އިތުރުން، އިޖުތިމާއީ ރައްކާތެރިކަމަށް ވެސް ލިބިގެންދާނެ ހެޔޮ ބަދަލެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު މި ދަންނަވާ ވާހަކަ އަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ފަސް ޕަސެންޓު ބޮޑުވާނެ، އެ އަދަދު [މިހާރު ފަންޑަށް ޖަމާކުރާ ހަތް ޕަސެންޓުގެ އިތުރުން ފަސް ޕަސެންޓް] ރިސޯޓު އޯނަރުން އެ ފަންޑަށް ޖަމާކޮށްދެއްވަން ޖެހޭނެއޭ. ސަރުކާރުން ވެސް ހަމަ އެ އަދަދަށް ފައިސާ ޖަމާކުރާނެއޭ. އޭރުން އަޅުގަނޑުމެންނަށް ތިން ބިލިއަން ރުފިޔާގެ ފަންޑެއް އުފެއްދޭނެ. އެ ފަންޑުން އާސަންދަ ވެސް ބޯހިޔާވަހިކަން އަދި ޕެންޝަންސް ވެސް ކުރިއަށް ގެންދެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ