ސިޔާސީ ޕާޓީތައް އުވިދާނެ ކަމެއް ނުކުރުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފި

ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް ވަގުތުން އުވޭ ގޮތަށް އޮތް ސިޔާސީ ޕާޓީގެ ގާނޫނުގެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލާގައި ޝަރީއަތުން ގޮތެއް ނިންމުމުގެ ކުރިން އެއްވެސް ޕާޓީއެއް އުވޭ ފަދަ ފިޔަވަޅެއް ދައުލަތުގެ މުއައްސަސާތަކާއި ކަމާބެހޭ ފަރާތްތަކުން ނޭޅުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.ދައުލަތުން ހުށަހެޅި މައްސަލަޔާ ގުޅިގެން އެ ފަރާތުން އެދުނު ވަގުތީ އަމުރު ސުޕްރީމް ކޯޓުން މިރޭ ނެރެދީފައި ވާއިރު އޭގައި ދައުލަތުގެ މުއައްސަސާތަކާއި ކަމާބެހޭ ފަރާތްތަކަށް އަމުރުކޮށްފައި ވަނީ މައްސަލަޔާ ގުޅިގެން ކޯޓުން ވަކި ގޮތަކަށް ކަނޑައެޅުމުގެ ކުރިން އެއްވެސް ޕާޓީއެއް އުވޭނެ ފިޔަވަޅެއް ނޭޅުމަށާއި އެއްވެސް ޕާޓީއެއް އުވިފައިވާ ކަމަށް ނުބެލުމަށެވެ.ސިޔާސީ ޕާޓީގެ ބިލްގައި މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެ ރައީސް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވާލެއްވި ނަމަވެސް މި ހަފުތާގައި ބިލް ތަސްދީގުކުރައްވައި ގެޒެޓްކުރެއްވީ ތަސްދީގުކުރުން ލާޒިމުވާ އަދަދުން ދެ ވަނަ ފަހަރަށް މަޖިލީހުން ފާސްކޮށް ބިލް ކުރިން ވެސް އޮތް ގޮތަށް ފޮނުވުމުންނެވެ. ގާނޫނު ބުނާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާއިރު 10،000 މެންބަރުން ނެތް ޕާޓީތަށް ވަގުތުން އުވޭނެ އެވެ. އެހެންވެ އިލެކްޝަންސް ކޮމިޝަނުން ވަނީ ޖުމުލް 16 ޕާޓީގެ ތެރެއިން ރަޖިސްޓްރީވެފައި ވަނީ ފަސް ޕާޓީ ކަމަށް ކަނޑައަޅައިފަ އެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމް އާއި ޑީއާރުޕީ އާއި އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީ އެވެ.
އެ ކޮމިޝަނުން ބުނެފައި ވަނީ އަނެއް 11 ޕާޓީ އުވާލީ ނޫން ކަމަށާއި ޕާޓީތަކުގެ ދަފްތަރުން އުނިކުރީ ކަމަށެވެ. ނަމަވެސް އެ ޕާޓީތަކާ މެދު ޝަރީއަތުން ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.ދައުލަތުން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ބައެއް ޕާޓީތައް ވަގުތުން އުވިގެން ދާއިރު އެއީ އެކި ފަރާތްތަކާ އެކު މުއާމަލާތްތައް ކޮށް އެއްބަސްވުންތައް ހަދާފައިވާ ޕާޓީތައް ކަމަށާއި އެކަމަކު އިންތިގާލީ އުސޫލެއް ނެތި ޕާޓީ ކުއްލިއަކަށް އުވުމުން ބައެއްގެ ހައްގުތަކަށް އުނިކަން އަންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ