މާލެއަށް ކަރަންޓު ދިނުމަށް ބިޔަ މަޝްރޫއެއް ފަށައިފި
މާލެ އަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް 90 ވަރަކަށް މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއްގައި ސްޓެލްކޯއިން މިއަދު ސޮއިކޮށްފި އެވެ. ޗައިނާގެ ޑޮއެންގް ސެންގް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ސްޓެލްކޯއިން ފެށި މި މަޝްރޫއަކީ އުފައްދާ ކަރަންޓު 50 މެގަވޯޓު އިތުރުކުރުމަށް ހިންގާ މަޝްރޫއެކެވެ. ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމަން އަމާޒު ހިފާފައިވާ މި މަޝްރޫއުގެ ދަށުން އަށް މެގަ ވޯޓުގެ ހަ އިންޖީނު އިތުރަށް ބަަހައްޓާނެ އެވެ. މިހާރު ސްޓެލްކޯއިން ފޯރުކޮށްދެމުން އަންނަނީ 22 ޖެނެރޭޓަރު ބޭނުންކޮށްގެން 60 މެގަވޯޓުގެ ކަރަންޓެވެ. މިއީ ކަރަންޓުގެ ހިދުމަތް ދިނުމަށް އެ ކުންފުނިން ކުރިއަށް ގެންދާ ފަސް ވަނަ، އަދި މިހާތަނަށް އެ ކުންފުނިން ނުހިންގާ ވަރުގެ ބޮޑު މަޝްރޫއެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝުކޫރު ވާހަކަ ދައްކަވަނީ: މި މަޝްރޫއުގެ ދަށުން 50 މެގަވޯޓުގެ ކަރަންޓު ދޫކުރާނެ-- ހަވީރު ފޮޓޯ: ނިޝާން އަލީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން މާލެ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. މި މަޝްރޫއު އިފްތިތާހު ކުރުމަށް ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝުކޫރު ވިދާޅުވީ މިދިޔަ ހޫނު ގަދަ ދުވަސްވަރު ވެސް މާލެއަށް ބޭނުންވާ މިންވަރަށް ކަރަންޓު ނުއުފެއްދުމުގެ މައްސަލަ ދިމާވި ކަމަށާއި ސަރުކާރުގެ އޮފީސްތަކާއި އިތުރު ތަންތަނަށް އެންމެ އެދެވޭ ގޮތެއްގައި ކަރަންޓުގެ ހިދުމަތް ނުދެވުނު ކަމަށެވެ. އަދި ބުރޫނަރާ ގޮތެއްގައި ކަރަންޓުގެ ހިދުމަތް ދިނުމަށް، އެކަމަށް ބޭނުންވާ ބޮޑެތި އާލާތްތައް ވެސް މެއިންޓެނެންސް ވެސް ނުކުރެވި ވާކަމަށް އޭނާ ވިދާޅުވި އެވެ. ޝުކޫރު ވިދާޅުވި ގޮތުގައި މި މަޝްރޫއު ނިމުމުން ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތި މާލެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ އެވެ. "އޭރުން ހަމަ ނޭވާއެއްލައިގެން އަޅުގަނޑުމެންނަށް ގޭގައި އަރާމުގައި ނިދާލެވޭނެ،" އޭނާ ވިދާޅުވި އެވެ.ސްޓެލްކޯގެ އިމާރާތް: އެ ކުންފުނިން ފަށާ އާ މަޝްރޫއުގެ ދަށުން 50 މެގަވޯޓުގެ ކަރަންޓު ދޫކުރާނެ-- ހަވީރު ފޮޓޯ: ނިޝާން އަލީ ޝުކޫރު ވިދާޅުވީ ހަތަރު އަހަރު ފަހުން އަނެއްކާ ވެސް މިފަދަ އެހެން މަޝްރޫއެއް އެ ކުންފުނިން ފަށާނެ ކަމަށާއި އެއީ މި އަށްވުރެ ހަތަރު ގުނަ ބޮޑު މަޝްރޫއަކަށް ވެގެންދާނެ ކަމަށެވެ. ލޯނުގެ އެހީ އާއި ސްޓެލްކޯގެ ބަޖެޓުން ހަރަދުކޮށްގެން ފަށާ މި މަޝްރޫއުގެ ދަށުން އިންޖީނުތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެއް ނަމްބަރު ކުނި ކޮށީގެ އިރުމައްޗަށް އޮންނަ ހުސް ބިމުގަ އެވެ. ސްޓެލްކޯއިން ބުނީ މި އިންޖީނުތައް ބޭނުން ކުރަން ފެށުމުން، މިހާރު މާލެއަށް ކަރަންޓު ދިނުމަށް، ސްޓެލްކޯ ކައިރީ މަގުމަތީގައި ބަހައްޓާފައި ހުރި ކުދި އިންޖީނުތައް ނަގާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ