100 މިލިއަން ޑޮލަރު ދައްކަން ގާސިމް ވިލާ ގްރޫޕަށް 30 ދުވަހުގެ ނޯޓިސް ދީފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕުން ތަރައްގީ ކުރަން ނިންމާފައިވާ ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ކަމަށް ސަރުކާރުން ބުނާ ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހޯދަން މީރާ އިން ވިލާ ގްރޫޕަށް 30 ދުވަހު ނޯޓިހެއް ފޮނުވައިފި އެވެ.އަމަލީ މަސައްކަތް ނުފަށާތީ އެއްބަސްވުން ބާތިލްކުރި ރަށްތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި، ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވި ގޮތުގައި 157 މިލިއަން ޑޮލަރު ދައުލަތަށް ލިބެންޖެހެ އެވެ. އޭގެ ތެރޭގައި ގާސިމްގެ ވިލާ ގްރޫޕްގެ ރަށްތަކުގެ އިތުރުން އެހެން ބައެއް ފަރާތްތަކުގެ ރަށްތައް ވެސް ހިމެނެ އެވެ."ހަވީރަ"ށް އެނގިފައިޥާ ގޮތުގައި އެ ހުރިހާ ރަށްތަކަށް ވެސް މީރާ އިން ވަނީ ފައިސާ ދެއްކުމުގެ ނޯޓިސް މިދިޔަ ހަފުތާގައި ފޮނުވައިފަ އެވެ. މީރާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ހޯދަން މިނިސްޓްރީއަކުން އަންގައިފި ނަމަ، އެ ފައިސާއެއް ހޯދަން، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނޯޓިސް ފޮނުވާނެ އެވެ.  މީގެ 10 އަހަރު ކުރިން ފެށިގެން، ރިސޯޓްތަކާއި ހޮޓާ ފަދަ ތަންތަން ތަރައްގީ ކުރުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ރަށްތަކުގައި މިހާ ހިސާބަށް އަމަލީ މަސައްކަތް ކޮށްފައިނުވާތީ އެ ތަންތަނުގެ އެއްބަސްވުންތައް ޓޫރިޒަމް މިނިސްޓްރީން ބާތިލުކުރީ ފެބްރުއަރީ 5 ގަ އެވެ. އޭގެ ތެރޭގައި ސެޓްލްމަންޓް އެގްރީމަންޓްތަކުގެ ދަށުން. ކ. އަތޮޅުން ގާސިމަށް ދޫކޮށްފައިވާ ފަސް ފަޅު ވެސް ހިމެނެ އެވެ. އެއްބަސްވުން ބާތިލުކުރި ރަށްތަކުގެ ތެރޭގައި ގާސިމަށް ދިން ރަށްތަކެއް ހިމެނުނު ނަމަވެސް، އަދީބު ވިދާޅުވާ ގޮތުގައި އެއީ ސިޔާސީ ނިންމުމެއް ނޫނެވެ. ނަމަވެސް މި ރަށްތަކުން ފައިސާ ހޯދަން ސަރުކާރުން މަސައްކަތް ފެށީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން، ގާނޫނު އަސާސީ ހިމާޔަތް ކުރުމުގެ ނަމުގައި ސަރުކާރާ ދެކޮޅަށް މަސައްކަތްތައް ފެށި ހިސާބުންނެވެ. ލީސް އެގްރީމަންޓް ބާތިލް ކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ ތ. ކަޅުފަހަލަފުއްޓާއި ނ. ރާފުއްޓާއި ހދ. ހޮނޑާފުއްޓާއި ގއ. ކޮނޑޭމަތީލާބަދޫ އާއި ގއ. ވޮޑަމުލާ އާއި ހދ. ކުޑަމުރައިދޫ އަދި ބ. މުތާފުއްޓެވެ. އަދި ސެޓްލްމަންޓް އެގްރީމަންޓްތަކުގެ ދަށުން ގާސިމަށް ދޫކުރި ތ. އެލާ އާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ކ. މާދިއްގަރުފަޅާއި ކ. ބޮލިދުއްފަރުފަރާއި ކ. ވާވެއްދިއްފަޅު އަދި އެ ފަޅުތަކާ ގުޅިގެން ކުށްޔަށް ދީފައިވާ ފަޅުތައް ވެސް ވަނީ ވަކިކޮށްފަ އެވެ.ގާސިމަށް ދޫކުރި ރަށްތަކުގެ އެއްބަސްވުން ބާތިލްކޮށް، ގިނަ އަދަދެއްގެ ފައިސާ އަނބުރާ ހޯދަން ސަރުކާރުން މަސައްކަތް ކުރާއިރު، ގާސިމްގެ މުދާ ނުނެގުމަށް އެމްޑީޕީ އާއި ޖޭޕީން އަންނަނީ ގޮވާލަމުންނެވެ. އަދި ދައުލަތަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށް ގާސިމް ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ