"ޔާމީން ކެންޕޭން 2018" އަށް މެނޭޖަރުން ތައްޔާރުކުރުމުގެ ފުރަތަމަ މަހާސިންތާ ރޭ ތާޖުއްދީން ސްކޫލުގައި ފަށައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަހްމަދު އަދީބް ޢަބްދުލްޣަފޫރުއެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އާއި ދައުލަތުގެ ގިނަ ވަޒީރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢައްބާސް ޢާދިލް ރިޟާ ވިދާޅުވީ މިއަދަކީ ތާރީޙް އިއާދަވާ ދުވަހެއް ކަމަށެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުން ދިވެހި ރައްޔިތުން ޤައުމަށް ދިމާވާ ބޮޑު ކޮންމެ ކަމެއްގައި ކެރިގެން ކުރިމަތިލާ ދިވެހިރައްޔިތުން މިތިބީ އަނެއްކާވެސް މިއަދު މިދިމާވެފައިވާ ބޮޑުކަންތަކާ ކުރިމަތިލާން ތެދުވެ ކަމަށެވެ.
ޢައްބާސް ވިދާޅުވީ ދިވެހިރާއްޖޭގެ ތާރީޙުން ދިވެހި ރައްޔިތުންނަށް ދިމާވި އެންމެ ބޮޑު އެއް ނުރައްކަލަކީ، އެއް މުސީބާތަކީ ޕޯޗްގީޒުންނާއި އަނދިރިއަނދިރިންގެ ނުރައްކާ ކަމަށްވާއިރު އަޅުގަނޑުމެންގެ މިޖީލަށް ދިމާވި ޕޯޗްގީޒުންނާ އަނދިރިއަނދިރިންގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި ދިވެހި ރައްޔިތުން މިއަދުވެސް މިތިބީ ކުރިމަތިލައިގެން ކަމަށެވެ.
"ތިއަ ލޮބުވެތި ރައްޔިތުން ހއ. ހދ. ށ. ނ. ރ. އަތޮޅުން އަދި ބ. އަތޮޅުން ޅ.އަތޮޅުން މާލެ އަތޮޅުން މ. ވ. އަތޮޅުން އ. އއ. އަތޮޅުން އދ. އަތޮޅުން އަދި ކުރިއަށް އޮތް ބުރުތަކުގައި ދިވެހިރާއްޖޭގެ ހުރިހާކަންކޮޅުތަކުން ދިވެހިރާއްޖެއިން މިމަހާސިންތާގާ ބައިވެރިވެ، މި މަހާސިންތާގެ ލީޑަރުންގެ ހައިސިއްޔަތުން ދިވެހި އެހެން ރައްޔިތުންނަށް މިމުހިންމުކަން މިކަމުގެ އަހައްމިއްޔަތު ބަޔާންކޮށްދިނުމަށް ތިބޭފުޅުން ތިތިއްބެވީ ތެދުވެވަޑައިގެން"
ޢައްބާސް ވިދާޅުވީ މިއަދުގެ ޕޯޗުގީޒުންނަކީ ދުނިޔޭގެ ނަސޯރާއިންނާއި ޔަހޫދީން ގުޅިގެން އިސްލާމީ ޤައުމުތައް ޙަރާބު ކުރުމަށް ގެންގުޅޭ ފިކުރު ކަމަށާއި ތަރައްޤީގެ ނަމުގައި ޤައުމުގެ ފަޅުރަށްތަކާއި އެއާރޕޯރޓްތައް ވިއްކައިލާ ފިކުރު ކަމަށެވެ. ޤައުމުގެ ރުފިޔާގެ އަގު ވައްޓާލައި ޤައުމުގެ ބައިތުލްމާލު ހުސްކޮށްލައި ޤައުމުގެ ހުރިހައި އަމިއްލަވަންތަކަން ނަގައިލުމުގެ ފިކުރު ކަމަށެވެ.
ޢައްބާސް ވިދާޅުވީ މިކަންކަމާއި ދެކޮޅަށް ދިވެހިން ނުކުމެ ކުރި މަސައްކަތްތަކުން ޤައުމުގެ ހާލަތު މިވަނީ މިހާރު ސަލާމަތްކޮށްފައި ކަމަށާއި މިއަދު މިފެށޭ މަސައްކަތަކީ ދިވެހިންގެ ޤައުމިއްޔަތު ހިމާޔަތްކޮށް ދިފާއުކުރުމަށް މުސްތަޤްބަލަށްޓަކައި ކުރަންޖެހިފައިވާ މަސައްކަތްތައް ކަމަށެވެ.
"ޔާމީން ކެންޕޭން 2018" އަށް މެނޭޖަރުން ތައްޔާރުކުރުމުގެ ފުރަތަމަ މަހާސިންތާ ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ