އަބްދުﷲ ގާޒީ ޑްރަގް ކޯޓަށް ބަދަލުކުރުމަށް ޖޭއެސްސީން ނިންމައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އަބްދުﷲ ގާޒީ ޑްރަގް ކޯޓަށް ބަދަލުކުރުމަށް ޖޭއެސްސީން ނިންމައިފި އެވެ.
ޖޭއެސްސީގައި ހިމެނިވަޑައިގެންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ކްރިމިނަލް ކޯޓުން ޑްރަގް ކޯޓަށް ބަދަލުކުރުމަށް އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
"ޖުޑިޝަރީ ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާ ނުލާ ކުރިއަށްގެންދާނަން،" ހަމްޒާ ވިދާޅުވެފައިވެ އެވެ.
ޖޭއެސްސީގެ މެމްބަރަކު ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެެ ބަދަލު ގެނައުމަށް ހަމަޖެހިފައި ވަނީ 01 ޖެނުއަރީ 2014 އިން ފެށިގެން ކަމަށެވެ. އެގޮތަށް ފާސްކޮށްފައި ވަނީ މިއަދުގެ އެ ބައްދަލުވުމުގައި ބައިވެރިވަޑައިގަތް އަށް މެމްބަރުންގެ ތެރެއިން ހަ މެމްބަރުން ވޯޓް ދެއްވައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިބަދަލަކީ ޖުޑިޝަރީ ހަރުދަނާކޮށް ގާޒީން ރިފްރެޝް ކުރުމުގެ ގޮތުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ގެނައި ބަދަލެއް. އެއްވެސް ހާލެއްގައި ފިޔަވަޅެއް އެޅުމުގެ ބޭނުމުގައި ކުރި ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ގާޒީގެ އިތުރުން ބައެއް އެހެން ފަނޑިޔާރުން އެކިއެކި ކޯޓްތަކަށް ބަަދަލުކުރުމަށް ވެސް މިއަދުގެ އެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ