ޑްރަގް އޮޕަރޭޝަން: އަތޮޅު ތެރެއިން 8 މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ވޭތުވެދިޔަ 2 ދުވަހުގެ ތެރޭގައި މަސްތުވާތަކެއްޗާ އެކު 8 މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، މި އޮޕަރޭޝަން ހިންގާފައި ވަނީ 4 އަތޮޅެއްގައި ކަމަށެވެ. އެ ގޮތުން މިދިޔަ ހުކުރު ދުވަހު ދ. ކުޑަހުވާދޫން އެކަކު އަދި މ. ވޭވަށުން އެކަކު ވަނީ ހައްޔަރު ކޮށްފައި ކަމަށް ފުލުހުން ބުނެއެވެ. އަދި އިއްޔެ ނ. ވެލިދޫން 5 މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށާއި ތ. ވިލުފުށިން އެކަކު ހައްޔަރު ކޮށްފައި ވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، ވެލިދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށު ފަޅު ގެއެއްގެ ތެރޭގައި ބަޔަކު މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކުރާ ކަމަށް ވެލިދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެެއް ކަމަށެވެ. އެގޮތުން 32 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ދެ ފިރިހެނުންނާއި 31 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ވިލުފުށީގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެގޮތުން 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަަމަށާއި އޭނާ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 6 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ވިލުފުށިން ހައްޔަރުކުރި މިހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވިލުފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މިދިޔަ ހުކުރު ދުވަހު ކުޑަހުވަދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި ވެސް މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި އޮޕަރޭޝަނުގައި 20 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ބަލައި ފާސްކުރި އިރު އޭނާގެ އަތުގައި އޮތް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިން ކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ކުޑަހުވަދޫން ހައްޔަރު ކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުދެލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ވޭވަށުން ވެސް ފުލުހުން ވަނީ މަސްތުވާތކެއްޗާ ދެކޮލަށް ހިންގި އޮޕަރޭޝަންެއްގައި މީހަކު ހައްޔަރުކޮށްފައި ކަމަށް ބުނެއެވެ. އެގޮތުން މާލެއިން މ. އަތޮޅަށް ދާ ބޯޓަކުން ވޭވަށަށް މަސްތުވާތަކެތި އެތެެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މުލަކު ޕޮލިސް ސްޓޭޝަނާއި މުލީ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ވަނީ 39 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ. އޭނާ ހައްޔަރު ކުރީ ވޭވަށު ބަނދަރުމަތިންނެވެ. އަދި އެތަނުގައި ހުރި ފޮށިގަނޑެއް ބަލައި ފާސްކުރި އިރު އެ ފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި، ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި 500 އެމްއެލްގެ ދެފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ވޭވަށުން ހައްޔަރު ކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މުލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ހަތަރު ރަށުން ހައްޔަރު ކުރި މީހުންގެ މައްސަލަތައް ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ