މައުމޫނު ދައުރުގެ ކެބިނެޓް ޖަލްސާތަކުގެ އެޖެންޑާތަކެއް ދޫކުރަން އަންގައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ކެބިނެޓް ޖަލްސާތަކުގެ އެޖެންޑާތަކެއް ދޫކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގައިފި އެވެ. ރައީސް މައުމޫންގެ ވެރިކަމުގެ 2004 އަދި 2005ގައި ބޭއްވި ކެބިނެޓްގެ ޖަލްސާތަކުގެ އެޖެންޑާތަކެއް ހޯދަން އަމިއްލަ ފަރާތަކުން އެދުމުން އެ އެޖެންޑާތައް ނުދިން މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ބޭއްވި އަޑުއެހުމުގައި ނިންމީ، އެ އެޖެންޑާތައް ނުދިނުމަށް ނިންމީ ރަނގަޅަށް ނޫން ކަމަށެވެ. އެ މައްސަލަ އައިކޮމްއަށް ހުށަހެޅުއްވީ، މީޑިއާ ކައުންސިލްގެ ރައީސްކަން މީގެ ކުރިން ކުރެއްވި ހުޝަމް މުހައްމަދުފުޅެވެ. އޭނާ ވަނީ ކެބިނެޓްގެ އެޖެންޑާތައް ހޯދުމަށް ދެ ފަހަރެއްގެ މަތިން ރައީސް އޮފީހުގައި އެދިފައެވެ. އެހެން ނަމަވެސް އެ މައުލޫމާތުތަކަކީ، ދައުލަތުގެ ސިއްރުތައްކަމުގައިވާތީވެ ރައީސް އޮފީހުން އެ މައުލޫމާތުތައް ދިނުމަށް ވަނީ އިންކާރުކޮށްފައެވެ. އެކަމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމީ، މައުލޫމަތު ހޯދައި ލިބިގަތުގެ ހައްގުގެ ގާނޫނުގައި ދަށުން ތިން ޝަރުތެއް ހަމަވާ ގޮތަށް ހޯދަން އެދޭ މައުލޫމާތު ދޫކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން ގާނޫނުގެ 70 ވަނަގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މައުލޫމާތު ދޫކުރުމުގައި އިސްތިސްނާ ނުކުރެވޭނެ ތިން ޝަރުތެއް ހަމަވާ ލިޔުމެއް ހިފެހެއްޓޭނެ ގާނޫނީ ހުއްޖަތެއް ނެތްކަން މައްސަލަ ބެއްލެވި އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާގެ ނިންމެވުމުގައިވެ އެވެ.. އިފޮމޭޝަން ކޮމިޝަނަރު ފިޔާޒު ވިދާޅުވީ، އެ އެޖެންޑާތަކަކީ ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ މައުލޫމާތުތަކެއް ކަމަށެވެ. އެހެން ކަމުން އެއީ ދޭން ޖެހޭ މައުލޫމާތު ކަމަށް އޭނާ ނިންމެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ