ލ. ގަމުގެ ކަރަންޓް އެއް ވިއުގައަކުން ގުޅާލައި، ސަރަހައްދީ އިންޖީނުގެއަކުން ކަރަންޓު ފޯރުކޮށްދޭން ފަށައިފި

ލ. ގަމުގައި ވަކިވަކިން ބޭނުންކުރަމުން އައި އިންޖީނުގެތައް އެއްކޮށްލައި ސަރަހައްދީ އިންޖީނުގެއަކުން ކަރަންޓް ފޯރުކޮށްދޭން ފެށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހުކޮށްދެއްވައިފިއެވެ.
ގަމުގައި މީގެ ކުރިން ކަރަންޓު ފޯރުކޮށްދީފައިވަނީ މުކުރިމަގު، މަތިމަރަދޫ، ތުނޑީ އަވަށުގައި ވަކިން އިންޖީނުގެތައް ބަހައްޓައިގެންނެވެ. ނަމަވެސް އެ ތިން އިންޖީނުގެ އެއްކޮށްލައި، އެއް ވިއުގަަކުން ކަރަންޓް ދިނުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ.
ގަމަށް ކަރަންޓު ދެމުން އަންނަ ފެނަކައިން ބުނީ، 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސަރަހައްދީ އިންޖީނުގެއަކުން ކަރަންޓް ފޯރުކޮށްދޭން ފެށުމުން ތެލަށް ކުރާ ހޭދަ ކުޑަކުރަވި، ނުވަ މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ.
އެގޮތުން ގްރިޑް ލޮސް އިން އަހަރަކު 4.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލޭ އިރު، ކުރިއަށް އޮތް ހަތް އަހަރުގެ ތެރޭގައި ގްރިޑް ލޮސް އިން އެކަނިވެސް 38 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ. އަދި މުޅި ޕްރޮޖެކްޓުން ހަތް އަހަރުގެ ތެރޭގައި 79.8 ރުފިޔާގެ ފައިދާ، ކުންފުންޏަށް ލިބިގެންދާނެ ކަމަށް ބުންޏެވެ.
އޭގެ އިތުރުން ލ. ގަމުން އެކަނި ވެސް އަހަރެއްގެ މައްޗަށް 586.043 ޓަނުގެ ކާބަން ޑައިއޮކްސައިޑް ޖައްވަށް ދޫކޮށްލެވޭ އިރު، އެއް ވިއުގައަކުން ގުޅައިލުމުން ޖައްވަށް ދޫކޮށްލެވޭ ކާބަން ޑައިއޮކްސައިޑްގެ މިންވަރު އަހަރަކު 207،338 ޓަން މަދުކުރެވޭނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ