ފާދިއްޕޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ފާދިއްޕޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފާދިއްޕޮޅަށް ކުރެއްވި މި ދަތުރުފުޅުގައި އިއްޔެ ވަނީ ޅ. މާފިލާފުށްޓަށް ވަޑައިގަންނަވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސިފައިންގެ ހުވަޔަކީ ސިފައިންގެ ކުރިމަގު އޭގެ މަތީގައި ބިނާކޮށްދޭނެ ބިންގާކަމަށާއި، އެއީ މާތްވެގެންވާ އިސްލާމްދީނުގެ ސައްހަ ޢަގީދާއާއި، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ މަތީގައި ސީދަލަށް އެޅިފައިވާ ބިންގަލެއްކަމުގައި ވިދާޅުވެފައެވެ.
އެ ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު ރައީސް ވަނީ ސިފައިންގެ ކޮންޕޯސިޓް ޓްރެއިނިންގ ސެންޓަރަށް ޒިޔާރާތްކުރައްވައި ސިފައިންގެ އެޑިއުކޭޝަން ކޮމާންޑްގެ ދަށުން ޤާއިމުކޮށްފައިވާ ދަ ބޭސިކް ސްކޫލް (ޓީ.ބީ.އެސް) ހުޅުއްވައިދެއްވާފައެވެ.
އަދި އެމަނިކުފާނު ވަނީ މާފިލާފުށީގެ މުހިންމު ތަންތަނަށް ވެސް ޒިޔާރަތްކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ދަތުރުފުޅުގައި، މާފިލާފުށިން ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ ޅ. ފެލިވަރަށެވެ. އެ ރަށަށް ޒިޔާރަތްކުރައްވައި އެ މަނިކުފާނު ވަނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތަކާއި، އެ ތަނުގައި ބިނާކުރާ އައު ކޯލްޑް ސްޓޯރޭޖް ބިނާކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު ބައްލަވައިލައްވާފައިވެއެެވެ. އެއަށްފަހު އެ މަނިކުފާނު ވަނީ ކޯލްޑް ސްޓޯރޭޖް އެޅުމަށް ބިން ހިއްކާ ސަރަޙައްދަށް ޒިޔާރަތްކުރައްވާ، އެ ތަން ވެސް ބައްލަވާލައްވާފައެވެ.
މީގެ އިތުރުން އެމަނިކުފާނުވަނީ އެ ވަގުތު ފެލިވަރު ފަޅުގައި އޮތް މަސްދޯންޏަކަށް އަރާވަޑައިގެން ދޯނީގައި ތިބި މަސްވެރިންނާ ބައްދަލުކުރައްވައި މަސްވެރިނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަށް އޮޅުން ފިލުއްވާފައެވެ. މި ބައްދަލުވުމުގައި މަސްވެރިން ވަނީ އައިސް ލިބުމުގައި ހުރި ދަތިތަކާއި މަސްކިރުމުގައި ދިމާވާ ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އަދި އެ މަނިކުފާނު ވަނީ މަސްވެރިންނަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން ދާކަން ހާމަކުރައްވައި އެ މައްސަލަތައް ހައްލުކުރައްވާނެކަމުގައި ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ