އޮޅުވެލި ރިސޯޓު: ޕޮޒިޓިވް ވި މީހުންގެ އަދަދު 26 އަށް އަރައިފި

ސަން ސިޔާމް އޮޅުވެލި ރިސޯޓުގެ ޕޮޒިޓިވް ވި މީހުންގެ އަދަދު 26 އަށް އަރައިފިއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، މިހާރު އޮޅުވެލި ރިސޯޓުން ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 26 އަށް އަރާފައިވާ އިރު ކޮންޓެކްޓުންގެ ގޮތުގައި 54 މީހަކު ދެނެގަނެވިފައި ވާ ކަމަށެވެ. އެގޮތުން މި ރިސޯޓުން ޕޮޒިޓިވް ވެފައިވާ މީހުންނަކީ އެ ރިސޯޓުގެ މުވައްޒަފުން ކަމަށް ނަޒްލާ ވިދާޅުވިއެވެ.
އޮލޫވެލިން ފެނުނު ކޭސްތަކުގެ ތަފްސީލް ދެއްވަމުން ނަޒްލާ ވިދާޅުވީ، މި މަހުގެ 9 ވަނަ ދުވަހު ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރެވުނު 3 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއަށް ފަހު މި މަހުގެ 10 ވަނަ ދުވަހު އިތުރު އެކަކު ޕޮޒިޓިވް ވެފައި ވާ ކަމަށާއި އަދި އެ ކޭސްތަކާ ގުޅިގެން ރެންޑަމް ސާމްޕަލް ނަގާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
އެއަށް ފަހު މި ދިޔަ ހޯމަ ދުވަހު ރެންޑަމް ސާމްޕަލްގެ ތެރެއިން 20 މީހަކު ޕޮޒިޓިވް ވެފަ އިވާ ކަމަށާއި މިދިޔަ އަންގާރަ ދުވަހު އިތުރު ދެމީހަކު ފެނިފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.
އޮޅުވެލި ރިސޯޓުގެ އިތުރުން އޮބްލޫ ސަންގެލި ރިސޯޓުން މިހާތަނަށް 42 މުވައްޒަފަކު ވަނީ ޕޮޒިޓިވް ވެފައެވެ. ހަމައެއާއެކު މިހާތަނަށް ބިޔާދޫ އައިލެންޑް ރިސޯޓުން 53 ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ