މުލީގައި ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގަވާއިދެއް ފާސްކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މުލީގައި ކެމްޕޭން ކުރެވޭނެ ގޮތްތައް ކަނޑައަޅާ ގަވާއިދެއް ފާސްކޮށްފިއެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މުލީ ކައުންސިލުގެ ރައީސް މޫސާ ނަސީރު އަހުމަދު ވިދާޅުވީ އިންތިހާބަށް ކެމްޕޭން ކުރުމައި ބެހޭ ގަވާއިދެއް އެކުލަވާލާފައިވަނީ ހުރިހާ ޕާޓީތަކަށާއި ކެންޑިޑޭޓުންނަށް ވެސް ހަމަ ހަމަ އުސޫލަކުން ކަންތައް ކޮށްދިނުމަށް ކަމަށެވެ.
ނަސީރު ވިދާޅުވީ ގަވާއިދުގައި ހިމެނޭ ބައިތަކާއި މެދު މަޝްވަރާ ކުރުމަށް ޓާސްކް ފޯހެއް އެކުލަވާލި ކަމަށެވެ. އެ ޓާސްކް ފޯހުގައި ފުލުހުންނާއި ސިޔާސީ ޕާޓީތަކާއި ރަށުގެ ޖަމިއްޔާތަކުގެ އިތުރުން އަތޮޅު ކައުންސިލާއި ރަށު ކައުންސިލުގެ ބޭފުޅުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެގަވާއިދުގެ ދަށުން ސިޔާސީ އެކި ޕާޓީތަކުން ކެމްޕެއިން ކުރުމަށް ކުރިއަށް ގެންދާ އެކި ހަރަކާތްތަކަށް ކައުންސިލުން ދޭން ޖެހޭ ހުއްދައަށް އެދުމުން، އެދޭތާ އެއްގަޑި އިރު ތެރޭ އެ ހުއްދަ ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ރަށު ތެރޭގައި ހިންގާ އެކި އެކި ހަރަކާތްތައް ވެސް ހުރިހާ ޕާޓީތަކަށް ހަމަ ހަމަ ވާނޭހެން ކުރިއަށް ގެންދެވޭ ގޮތަށް ނިންމާފައިވާ ކަމަށް ވެސް މޫސާ ނަސީރު ވިދާޅުވިއެވެ.
"ހުރިހާ ޕާޓީއަކުން ބައިވެރިވި. ޖުމްހޫރީ ޕާޓީއާއި އެމްޑީޕީ އަދި ޕީޕީއެމުން މަޝްވަރާތަކުގައި ބައިވެރިވި. ގައުމީ އިއްތިހާދުގެ ކެމްޕެއިން ހަރަކާތްތައް ފެށުނީ މާފަހުން. އެހެންވެ އެޕާޓީއަށް ވާނެ މިކަންތައްތަކާއި ބެހޭ ގޮތުން މައުލޫމާތު ދީފަ. އެޕާޓީގެވެސް އެއްބާރުލުން ލިބޭ،" މޫސާ ނަސީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ