ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދުވަސްވަރު ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި އެމަނިކުފާނުގެ އާއިލާއިން ހިނގާފައިވާ ކަންތައްތައް ތަހުގީގު ކުރުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ތަހުގީގުތަކަށް ދައުލަތުގެ އެކި އެކި މުއައްސަސާތަކުން ކޮށްފައިވާ ހަރަދުތައް ތަހުގީގު ކުރުމަށް އޮޑިޓަރ ޖެނެރަލް ނިޔާޒު އިބުރާހީމު އަނގަވައިފިއެވެ.
އޮޑިޓަރ ޖެނެރަލް މިގޮތަށް އަނގަވާފައިވަނީ އިއްޔެ ނެރުއްވި އެޓާނީ ޖެނެރަލް އޮފީހުގެ 2012 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައެވެ. އެރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ރިޔާސީ ކޮމިޝަނުގެ ތަހުގީގުތަކަށް އައްޔަންކޮށްފައިވާ އިނގިރޭސިވިލާތުގެ ފާމަކަށާއި ސިންގަޕޫރުގެ ފާމަކަށް 4822133 ރުފިޔާ ދީފައިވާ ކަމަށެވެ. އެފަދަ ތަހުގީގެއް ހިނގުމަކީ އޭޖީ އޮފީހުގެ މެންޑޭޓެއް ނޫން ކަމަށާއި އެފައިސާ އޭޖީ އޮފީހުގެ ބަޖެޓުން ދޫކޮށްފައިވަނީ އެއޮފީހުގެ މެންޑޭޓާއި ދައުލަތުގެ ބަޖެޓަރީ އުސޫލުތަކާއި ހިލާފަށް ކަމަށް އެރިޕޯޓުގައި ބުނެފައިވެއެވެ.
ވޭތުވެ ދިޔަ 2012 ވަނަ އަހަރު އޭޖީ އޮފީހުގެ ބަޖެޓުން 4.8 މިލިޔަން ރުފިޔާ ދައްކާފައިވާ އިރު 2010 އަދި 2011 ވަނަ އަހަރު ރައީސް އޮފީހުގެ ބަޖެޓުން އެދެފާމަށް 21982235 މިލިޔަން ރުފިޔާ ދީފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަ ކުރައްވާފައިވެއެވެ.
ދެފާމުގެ އިންވޮއިސްތަކަށް ފައިސާ ދޫކޮށްފައިވާ އިރު، އިންވޮއިސްތަކާއި ގުޅޭ ސަޕޯޓިން ޑޮކިއުމެންޓަކަށް އޮޑިޓަށް ލިބިފައިވަނީ މަސައްކަތް ކުރި މީހުން މަސައްކަތްކޮށްފައިވާ ކަމަށް ރެކޯޑުކޮށްފައިވާ ޓައިމު ޝީޓުތަކެއް ކަމަށާއި އެޝީޓުތަކުގައި ބަޔާންކޮށްފައިވާ ނަންތަކާއި އެންގޭޖްމެންޓް ލެޓާގައި މަސައްކަތުގައި ޝާމިލުވާނެ ކަމަށް ބުނެފައިވާ މީހުންގެ ނަންތައް ދިމާނުވާ ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެފައިވެއެވެ. އަދި ފައިސާ ދީފައިވަނީ މަސައްކަތް ކުރި ވަގުތަށް ބަލައިގެން ކަމަށްވާ އިރު، ފައިސާ ދައްކާފައިވަނީ މަސައްކަތަށްކަން އަދި ރަނގަޅު ރޭޓުތަކުގައި ކަން ޔަގީން ކުރެވެން ނެތް ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ. މީގެ އިތުރުން ތަހުގީގުގެ ބޭނުމަށް ކޮށްފައިވާ ދަތުރުތަކެއް ކަމަށް ބުނެ ފައިސާ ހޯދަން ހުށަހަޅާފައިވާ އިރު އެދަތުރުތަކަކީ ކުރި ދަތުރުތަކެއް ކަމާއި، އެދަތުރުތަކުގައި ބައިވެރިވީ ކޮންބައެއް ކަމާއި ދަތުރުތަކުގެ މަގުސަދު ވެސް އެނގެން ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
އެހެން ކަމުން އެފައިސާތައް މާލިއްޔަތު ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާ ފަރާތްތައް ހޯދާ، އެފަރާތްތަކާއި މެދު ފިޔަވަޅު އަޅާ ލިބިފައިވާ ގެއްލުމުގެ ބަދަލުގައި ޒިންމާވާ ފަރާތްތަކުން އެފައިސާ ހޯދަން ވެސް އޮޑިޓަރ ޖެނެރަލް ގޮވާލައްވާފައިވެއެވެ.
ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވޭތޯ ބެލުމަށް އެމައްސަލަ އޭސީސީއަށް ހުށަހެޅުމަށް ވެސް އޮޑިޓަރ ޖެނެރަލް އަނގަވާފައިވެއެވެ.
ރިޔާސީ ކޮމިޝަނުގެ ތަހުގީގުތަކަށް ކޮށްފައިވާ ހަރަދުތައް ތަހުގީގު ކުރަން ޖެހޭ: އޮޑިޓް ރިޕޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ