ވައިޓް ހައުސްއާއި ކޮންގްރެސް އިމާރާތުން ކަރަންޓް ކެނޑިއްޖެ

އެމެރިކާގެ ވޮޝިންގްޓަންގައި ކަރަންޓް އުފައްދާ ޖަނަރޭޓަރުތަކަށާއި ކަރަންޓް ފޯރުކޮށްދިނުމުގައި އެހީތެރިވާ ޓްރާންސްފޯމަރުތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ވައިޓް ހައުސްއާއި، އެމެރިކާގެ ކޮންގްރެސްގެ އިމާރާތުން ކަރަންޓު ކެނޑިއްޖެއެވެ.
އިއްޔެ ހިނގައި ދިޔަ ހާދިސާގައި ވައިޓް ހައުސް އާއި ކޮންގްރެސްގެ އިތުރުން ދައުލަތުގެ މުހިންމު އެހެން މުއައްސަސާތައް ހުންނަ އިމާރާތްތަކުން ވެސް ވަނީ ކަރަންޓު ކެނޑިފައެވެ. ކަރަންޓު ކަނޑައިގެން ދިޔަ އިމާރާތްތަކުގެ ތެރޭގައި އެމެރިކާގެ ޚާރިޖީ ވުޒާރާ އާއި، ޖަސްޓިސް ޑިޕާޓްމަންޓް ހިމެނެއެވެ. ހަމައެއާއިއެކު ބޭންކް ތަކާއި، އެހެން ބައެއް ބޮޑެތި އިމާރާތްތަކާއި އޮފީސްތަކުގެ އިތުރުން އާންމު ރައްޔިތުންގެ ގެތަކުން ވެސް ވަނީ ކަރަންޓު ކަނޑައިގެން ގޮސްފައެވެ.
މީގެއިތުރުން ވޮޝިންގްޓަންގަިއ ހުންނަ ދާރުލްއާސާރަކުން ވެސް ކަރަންޓު ކެނޑުމުގެ ސަބަބުން އެތަނުން މީހުން ހުސްކުރި އިރު، ބިމު އަޑީގެ ރޭލްވޭ ސްޓޭޝަން އިން ކަރަންޓު ކެނޑުމުން، އެ ނިޒާމުވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ކަރަންޓުގެ މައްސަލަ ހައްލު ކުރެވެންދެން ވައިޓް ހައުސްއަށާއި ކޮންގްރެސްގެ އިތުރުން ޚާރިޖީ ވުޒާރާއަށް ކަރަންޓް ފޯރުކޮށްދީފައި ވަނީ ކުދި ޖަނަރޭޓަރުތަކެއް ބޭނުންކޮށްގެނެވެ. އަދި ކަރަންޓު ކަނޑައިގެން ދިޔަ ބޮޑު ބަޔަކަށްވެސް މިހާރު ވަނީ ކަރަންޓު ފޯރުކޮށްދެވިފައެވެ.
މިކަމުގައި ޓެރަރިސްޓުންގެ އަތެއް ވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް، އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެކަން ދޮގުކޮށްފައެވެ. ނަމަވެސް މި މައްސަލަ ހިނގައި ދިޔަގޮތް ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ