މެއި އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި ބޮޑު މުޒާހަރާގެ ބައިވެރިންނާއި ދެމެދު ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ހައްޔަރު ކުރި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ދޫކޮށްލުމަށް ކުރި އަމުރު ޕީޖީގެ ފަރާތުން ސުޕްރީމު ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އަމީން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން 15 ދުވަސް ދީފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ. ނަމަވެސް އަމީންގެ ފަރާތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައި ކޯޓުން ވަނީ އަމީން ދޫކޮށްލުމަށް ފުލުހުންނަށް އަމުރު ކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށް އަމީން ދޫކޮށްލުމަށް ހައި ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ އަމީން ފުލުހުންގެ ބަންދުގައި ބަހައްޓަން ފެންނަ ތަނެއް ނެތް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ހައި ކޯޓުގެ ނިންމުން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ އިއްޔެއެވެ. ނަމަވެސް ސުޕްރީމް ކޯޓުން މައްސަލަ ބަލައިގެންކަމެއް ސާފެއް ނުވެއެވެ.
މި މައްސަލައިގައި އަމީން ދޫކޮށްލުމަށް ހައި ކޯޓުން އަމުރު ކުރިނަމަވެސް، މުޒާހަރާއާއި ގުޅިގެން ހައްޔަރު ކުރި އެމްޑީޕީގެ ޗެއާޕަސަން އަލީ ވަހީދާއި، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ 15 ދުވަހަށް ބަންދު ކުރި ކުރުމަށް ހައި ކޯޓުން ވަނީ ތާއީދު ކޮށްފައެވެ.
އަލީ ވަހީދާއި އިމްރާން ބަންދުގައި ބައިތިއްބަން މިހާރު ވަނީ މުއްދަތު އިތުރު ކޮށްފައެވެ. އެގޮތުން އިމްރާންގެ ބަންދަށް 10 ދުވަސް ޖަހާފައި ވާއިރު، އަލީ ވަހީދުގެ ބަންދަށް ވަނީ 7 ދުވަސް ޖަހާފައެވެ.
އަމީން ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ