ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސިންގަޕޫރުގައި ޓެކްސީއަކަށް އަރާވަޑައިގަންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުވެ، ބައެއް މީހުންގެ ފާޑުކިއުން ސަރުކާރަށް އަމާޒުކޮށްފި އެވެ.
މައުމޫންގެ އަރިހުގައި ސެކިއުރިޓިއެއް ވެސް ނެތެވެ. އެހެންކަމުން މިއީ ރާއްޖޭގެ ރައީސްކަމުގެ މަގާމު ފުރުއްވި ބޭފުޅަކާ މެދު ސަރުކާރުން ފަރުވާކުޑަކޮށްފައިވާކަމުގެ ހެއްކެއް ކަމަށް ބުނެ، ބައެއް މީހުން އަންނަނީ ފާޑުކިޔަމުންނެވެ.
މައުމޫން މިވަގުތު ސިންގަޕޫރަށް ވަޑައިގެން އުޅުއްވަނީ އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ އަންހެން ކޮއްކޯފުޅެއްގެ ހާލު ބޮޑުވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރުމާ ގުޅިގެންނެވެ.
ޓެކްސީ އަށް މައުމޫން އަރުއްވާ ފޮޓޯ ފޭސްބުކްގައި ޕޯސްޓްކުރައްވަމުން ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީ މެމްބަރު އަލީ ނިޒާރު ވިދާޅުވި ގޮތުގައި އެ ފޮޓޯ އިން ދައްކައިދެނީ "ރައީސް ޔާމީން ރާއްޖޭގެ ގައުމިއްޔަތުގެ ރޫހު ވީރާނާކޮށްލާފައިވާ" ކަމެވެ.
އޭނާ އެގޮތަށް ވިދާޅުވުމުގެ ސަބަބެއް ކަމަށް ލިއުއްވާފައި ވަނީ ސިންގަޕޫރުގައި ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް ހޭދަކުރާ އެމްބަސީއެއް ހުރެފައި އެތަނުގައި ކާރު ވެސް އޮންނަ އިރު، ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު އެގޮތަށް އުޅުއްވަން ޖެހިވަޑައިގަތުމުންނެވެ.
ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދެމެދު ހިޔާލުތަފާތުވުން އުފެދި، ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތަކުގެ ތެރެއިން ރައީސް މައުމޫނަށް ދޭ ފައިސާގެ އިނާޔަތުން ބޮޑު ބައެއް އުނިކޮށް އަދި އެމްއެންޑީއެފުން ދެމުން އައި ސެކިއުރިޓީ ވެސް ވަނީ ދަށްކޮށްފަ އެވެ. އެހެންކަމުން އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި ސެކިއުރިޓީ ފޮނުވުން އެމްއެންޑީއެފް ހުއްޓާލި އެވެ.
ރައީސް މައުމޫން ސިންގަޕޫރުގައި ޓެކްސީއެއްގައި! ސަރުކާރަށް ފާޑުކިއުން އަމާޒުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ